އިންޑިޔާގެ ޑިފެންސް ސެކްރެޓަރީ ޑރ އަޖޭ ކުމާރު ރާއްޖެ ވަޑައިގެން ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދެފަރާތުން ވަނީ ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދު ޑިފެންސް ކޯޕަރޭޝަން އިތުރަށް ފުޅާވެ ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރު މާރިއާ ވަނީ ކޮވިޑް 19ގެ ދަތި އުނދަގޫ ހާލަތުގައި ބޭސްފަރުވާއާއި ކާބޯތަކެއްޗާއި އިންސާނީ އެހީއާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިޔާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި 170 އަށްވުރެ ގިނަ މެޑިކަލް އިވޭކުއޭޝަނާއި 130 ސާވައިލެންސް މިޝަން ހިންގުމުގައި އިންޑިޔާގެ އެހީތެރިކަން ލިބިފައިވާކަން މިނިސްޓަރުގެ ވާހަކައިގާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކޯސްޓް ގާޑުގެ ޑޮކްޔާޑް ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޑިފެންސް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްކަން ފާހަގަކުރައްވާ، މާރިއާ ވަނީ އިންޑިޔާ ސަރުކާރުން މިމަޝްރޫއަށް ދެއްވާ އެހީތެރިކަމަށްޓަކައި ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ޑރ އަޖޭ ކުމާރު ވަނީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ޕާޓްނާޝިޕް އިތުރަށް ވަރުގަދަކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވެފައެވެ.
ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހުމަދާއި ޑީއައިޑީސީގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް އަހުމަދު ޝަރީފާއި ޑިރެކްޓަރު އޮފް އެންޓި ހިއުމަން ޓްރެފިކިން އަލީ ޖައިޝަން އާމިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.