ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގައި ގަސް އިންދުމުގެ ގޮތުން އެޗްޑީސީގެ މުވައްޒަފުން ހަރަކާތްތެރި ވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން އިސް ނަގައިގެން ތަރައްގީކުރާ ކުޑަގިރީގައި މި މަހުގެ 10 ވަނަ ދުވަހު ގަސް އިންދުމުގެ ހަރަކާތެއް ހިންގާފައިވާ ކަމަށެވެ. އެ ހަރަކާތުގައި އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި އެހެނިހެން ސަރުކާރުގެ ކުންފުނިތަކުން ވެސް ބައިވެރިވެފައިވާ ކަމަށެވެ.

ގަސް އިންދުމުގެ ޕްރޮގްރާމް ބާއްވާފައި ވަނީ ރަށް ފެހިކުރުމުގެ ގޮތުން ކަމަށް އެޗްޑީސީން ބުނެއެވެ.

ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކުޑަގިރި ޕިކްނިކް އައިލެންޑުގެ މަސައްކަތް އަންނަ މަހު ނިމޭނެއެވެ.

އެ ޕިކްނިކް އަިއލެންޑް ތަރައްގީ ކުރަމުން އަންނަ އިރު އެތަނުގައި 150 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެއް ވެސް އަޅަން ވަނީ ނިންމާފައެވެ. މީގެ އިތުރުން އެރަށަށް ދަތުރުކުރާ މީހުންނަށް ހާއްސަ ކޮށްގެން އެހެން ވަސީލަތްތައް ވެސް ގާއިމްކުރަން އޮތީ ނިންމައިފައެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑް އޮންނަނީ މާލެއާ 10.5 ކިލޯމީޓަރު ދުރުމިނުގައެވެ.