މިިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް އޯޕީޑީ ހިދުމަތް ދިނުމަށް އައިޖީއެމްއެޗުން ނިންމައިފިއެވެ.

އެ ހޮސްޕިޓަލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް އޯޕީޑީގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން މިދިޔަ މަހުގެ 30 އިން ފެށިގެން އައިޖީއެމްއެޗުން ވަނީ ލެބޯޓަރީ އާއި އޯޕީޑީގެ ހިދުމަތްތައް ދޭ ވަގުތުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން އެ ދުވަހުން ފެށިގެން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އައިޖީއެމްއެޗުން ލެބޯޓަރީގެ ހިދުމަތް ދީފައިވަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން މެންދުރު 12 އަށެވެ.

އޭގެ ފަހުން މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހެނދުނު 8 އިން މެންދުރު 2 އަށް ލެބޯޓަރީގެ ހިދުމަތް ދިނުމަށްފަހު، އައިޖީއެމްއެޗުން ވަނީ ލެބޯޓަރީގެ ހިދުމަތް ދޭ ވަގުތު މިއަދުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހަވީރު 4 އަށް ދޭ ގޮތަށް ބަދަލު ގެނެސްފައެވެ.

އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައިވާ ރޫޓީން ސާޖަރީތައްވެސް އައިޖީއެމްއެޗުން ވަނީ އަލުން ފަށައިފައެވެ.