މުސްލިމު އަންހެނުން އައުރަ ނިވާ ކުރުމުގެ ގޮތުން ބޭނުން ކުރާ ހިޖާބު ނުވަތަ ބުރުގާ އަޅައިގެން ކުލާސްތަކަށް ހާޒިރުވުން، އިންޑިއާގެ ކަރުނާޓަކާ ސްޓޭޓުގެ ސަރުކާރުން ހިންގާ ސްކޫލްތަކާ ކޮލެޖުތަކުގައި މަނާ ކުރި ކުރުމާ ދެކޮޅަށް، އެމެރިކާގެ އޮފިޝަލަކު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އެމެރިކާގެ އެމްބެސެޑާ އެޓް ލާޖް ފޮރ އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް، ރަޝާދު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޖާބު އެޅުން މަނާ ކުރުމަކީ އަންހެނުންނާއި އަންހެން ކުދިން، ނޭދެވޭ ރޫހެއްގައި ހަވާސާ ކުރާނެ ކަމެއް ކަމަށެވެ.
ރަޝާދު އިތުރަށް ވިދާޅުވީ ދީނީ މިނިވަންކަމުގެ ތެރޭގައި، ދީނީ ފިކުރުގެ ތެރެއިން ހެދުން އަޅާނެ ގޮތެއް އިހުތިޔާރު ކުރުންވެސް ހިމެނޭ ކަމަށެވެ. ދީނީ ފިކުރުގެ ތެރެއިން ހެދުން އެޅުމުގައި ކަރުނާޓަކާއިން ގޮތް ނިންމައިގެން ނުވާނެ ކަމަށްވެސް ރަޝާދު ވަނީ ވިދާޅުވެފައެވެ.
ހިންދޫންގެ މެޖޯރިޓީ އޮންނަ އިންޑިއާގެ ސަރުކާރުން ވަނީ އެމެރިކާގެ އޮފިޝަލުގެ ޓްވީޓަށް ރައްދު ދީފައެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީތަކުގެ ތެރޭގައި ގުނާ ލެވޭ އެމެރިކާ ފަދަ ގައުމެއްގެ އޮފިޝަލަކު މިފަދަ ރޫހެއްގައި ދެއްކެވި ވާހަކަ ހަޖަމް ކުރަން ދަތިވެ، އިންޑިއާގެ ހާރިޖިއްޔާއިން ދިން ރައްދުގައި ބުނެފައި ވަނީ، އިންޑިއާގެ ދާހިލީ ކަންކަމަށް ކުރާ މިފަދަ ކޮމެންޓްތަކަށް އެ ގައުމުން މަރުހަބާ ނުކިއާނެ ކަމަށެވެ.
ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބީޖޭޕީ ކޮންޓްރޯލް އޮންނަ ކަރުނާޓަކާ ސްޓޭޓްގައި، ބުރުގާއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ދެކޮޅުވެރިކަން ފާޅު ކުރަމުންނެވެ. 2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމާ މޯދީގެ ސަރުކާރުން ހަވާލުވި ފަހުން، މުސްލިމުންނާ ދެކޮޅަށް ހިންގާ އެކި ކަހަލަ ޖަރީމާތައް ދަނީ އިތުރު ވަމުންނެވެ.
ބުރުގާ އަޅައިގެން ކުލާސްތަކަށް ހާޒިރު ނުވެވޭ ގޮތަށް އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ބައެއް ކޮލެޖުތަކާ ހައި ސްކޫލްތަކުން ނިންމާފައި ވާ އިރު، އެ ސްޓޭޓްގައި ކިޔަވަމުން ދާ ދިވެހި ދަރިވަރުންގެ ތެރެއިން، ބުރުގާ، ނިގާބު އަދި ހިޖާބު އަޅާ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ހާރިޖިއްޔާއިން ކުރަމުން އަންނަނީ ކޮން ކަމެއްތޯ ބެލުމަށް ދަ ޕްރެސްއިން ދިވެހި ހާރިޖިއްޔާގައި ސުވާލު ކުރުމުން، އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ.