ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގައި މިސްކިތެއް އަޅަން ނިންމައިފިއެވެ.

ކުޑަގިރީގައި އިމާރާތްކުރާ 150 މީހުންގެ ޖާގައިގެ މިސްކިތް ބިނާކުރަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެހީގައެވެ.

މި މިސްކިތުގެ ބިންގާ އެޅުއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ފެނަކައިގެ އެމްޑީ އަހްމަދު ސައީދު މުހައްމަދު ބައިވެރިވެ ވަޑައިގަތެވެ.

ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކުޑަގިރި ޕިކްނިކް އައިލެންޑުގެ މަސައްކަތް އަންނަ މަހު ނިމޭނެއެވެ.

މީގެ އިތުރުން އެރަށަށް ދަތުރުކުރާ މީހުންނަށް ހާއްސަ ކޮށްގެން އެހެން ވަސީލަތްތައް ވެސް ގާއިމްކުރަން އޮތީ ނިންމައިފައެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑް އޮންނަނީ މާލެއާ 10.5 ކިލޯމީޓަރު ދުރުމިނުގައެވެ.