ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އިސްރަށްވެހިންނަށް ހާއްސަކޮށް ސ. ފޭދޫގައި "މާމަ ކާފަ" ޕާކު މިއަދު ހުޅުވައިފިއެވެ.
މި ޕްރޮޖެކްޓް ގެ މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި އިޖްތިމާއީ ހަރަކާތްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކޮށް ގުޅުން ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށް ބެންކުން ބުނެއެވެ. މި ޕާކުގައި ހިޔާވާނެ ގޮތަށް ބެންޗު ބަހައްޓައި ޕާކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކެރަމް، ތާސް އަދި ޗެސް ފަދަ ކުޅިވަރުތައް ކުޅެވޭނެހެން މޭޒާއި ގޮނޑި ވަނީ ބަހައްޓާފައެވެ.
ބީއެމްއެލް އިން ބުނީ، ސ. ފޭދޫ ހިމެނޭ ސަރަަހައްދަށް ނިސްބަތްވާ ޖަމިއްޔާތަކާއި ގުޅިގެން ހެލްތް ޗެކަޕް ފަދަ ހަރަކާތްތަކާއި ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތައް މި ޕާކުގައި ހިންގުމަށްވެސް ހަމަޖެހިފައި ވާ ކަމަށެެވެ.
މި ޕްރޮޖެކްޓާ ލިބުނު ފަރާތް ކަމުގައި ވާ ޝިމްލާ އަހްމަދު ބުނީ "މާމަ ކާފަ ޕާކަކީ އަޅުގަނޑުމެންގެ މާމަ އަދި ކާފަމެނަށް އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލާ ގުޅުން ބަދަހި ކުރުމަށް މާހައުލެއް ހޯދާދިނުމުގެ ގޮތުން ތަރައްގީ ކުރެވުނު ޕާކެއް. މިއީ މިރަށުގެ އިސްރަށްވެހިންނަށް ހާއްސަކޮށް ހުޅުވުނު ޕާކެއް ކަމުން އަޅުގަނޑުމެންގެ އުންމީދަކީ އުފާވެރި ހެލިފެލިވެ އުޅޭ މާމާ މެންނާއި ކާފަމެން މި ޕާކުން ގިނައިން ފެނުން." އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 60 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށް ދީފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.