އޮމިކްރޯން ވޭރިއަންޓުން ރައްކާތެރިވުމަށް ފިޔަވަޅުތައް ހަރިކަށި ކުރުމުގެ ސަބަބުން ޑިސެމްބަރު 2021 ގައި ހިސާބަކަށް މަޑުޖެހުނު ކަމުގައި ވި ނަމަވެސް، ނިމިދިޔަ އަހަރު، އިނގިރޭސިވިލާތުގެ އިގުތިސޯދު، 7.5 ޕަސެންޓަށް ކުރިއަރާފައި ވާ ކަމަށް، ރަސްމީ ރެކޯޑްތަކުން ދައްކައިފިއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން، 9.4 ޕަސެންޓްގެ އިގުތިސޯދީ ވެއްޓުމަކާ ކުރިމަތި ނަމަވެސް، 2021 ވަނަ އަހަރުގެ ލިބުނު އިގުތިސޯދީ ކުރިއެރުމަކީ، 1941 ވަނަ އަހަރުގެ ފަހުން، މިހާ ހަލުވި ދުވެލީގައި އިނގިރޭސި އިގުތިސޯދު ކުރިއަރާ ދިޔަ ފުރަތަމަ ފަހަރެވެ.

އޮމިކްރޯން ކޮންޓްރޯލް ކުރުމަށް އެޅި ރައްކާތެރި ކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކު، ހޮސްޕިޓާލިޓީ އަދި ރީޓެއިލް ސިނާއަތަށް އަސަރު ފޯރުމުގެ ނަތީޖާއެއްގެ ގޮތުން، ޑިސެމްބަރު 2021 ގައި އިނގިރޭސި އިގުތިސޯދަށް، 0.2 ޕަސެންޓްގެ ހީނަރު ކަމެއް އައި ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ.

ނަމަވެސް މަހުން މަހަށް އިގުތިސޯދީ އުފެއްދުންތެރިކަން (ޖީޑީޕީ) ހުރި ގޮތަށް ބަލާއިރު، ކޮވިޑްގެ ކުރިން ހުރި މިންވަރުގައި މިއަދަދު އުޅޭ ކަމަށް އިނގިރޭސިވިލާތުގެ ތަފާސް ހިސާބުތަކާ ބެހޭ އިދާރާއިން ބުނެއެވެ.

2021 ވަނަ އަހަރުގެ ފަހު ކުއާޓަރު ނުވަތަ އެންމެ ފަހު 3 މަސްދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިގުތިސޯދު ކުރިއަރާފައި ވަނީ އެންމެ 1 ޕަސެންޓަށެވެ.