އޮސްޓްރޭލިއާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމުކުރުމަށް ނިންމަވާ އިއުލާނު ކުރައްވައިފިއެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު އަދި މިނިސްޓަރ ފޯ ވިމެންގެ މަގާމުގައި ހުންނެވި މެރީސް އޭން ޕޭން އިއުލާނުކުރެއްވި ގޮތުގައި ދިވެހިރާއްޖެއާ ގުޅުން ބަދަހިކުރުމަށް މާލޭގައި އެމްބަސީއެއް ހުޅުވުމަށް އެ ގައުމުން ވަނީ ނިންމާފައި ކަމަށާއި އޭނާ ރާއްޖެ ސިފަކުރައްވާފައި ވަނީ އިންޑިއާ ކަނޑުގެ މުހިންމު އަވަށްޓެރި ގައުމެއްގެ ގޮތުގައެވެ.

މެރީސް ވިދާޅުވީ އޮސްޓްރޭލިޔާގައި ދާއިމީ ޑިޕްލޮމެޓިކް ގުޅުމެއް ރާއްޖޭގައި ގާއިމުކުރެވުމުން އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހަރުދަނާ ގޮތެއްގައި ގާއިމުކުރެވޭނެ ކަމަށެވެ.

މީގެއިތުރުން އޮސްޓްރޭލިއާގެ އާ އެމްބަސީއިން ޑިމޮކްރެޓިކް މުއައްސަސާތަކަށް ދެގައުމުން ދޭ އަހައްމިއްޔަތުކަމަށް އެއްބާރުލުން ދީ މަލްޓިލޭޓަރަލް ކޮމަންވެލްތު އަދި ސަރަހައްދީ ޖަމްއިއްޔާތަކާއެކު ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެކަމުގައިވެސް މެރީސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދޫﷲ ޝާހިދު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ، މި ނިންމުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.