އިންތިހާ ބިކަ ހާލުގައި ޖެހިފައި ވާ އަފްގާނިސްތާނުގެ ސިއްހީ ހާލަތާ ބެހޭ ގޮތުން، އެ ގައުމުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާން ޖަމާއަތުން އެކުލަވާލި ސަރުކާރުގެ ސިއްހަތާ ބެހޭ ވަޒީރާއެކު މަޝްވަރާތަކެއް ކުރިއަށް ގޮސްފައި ވާނެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.
ތޯލިބާނުން އެކުލަވާލި ސަރުކާރުގެ ސިއްހަތާ ބެހޭ ވަޒީރު ކަމުގެ މަގާމުގައި ހުރި ގަލަންދާރު އިބާދާއެކު، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް، މަޝްވަރާތައް ކުރިއަށް ގެންދެވީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
އިބާދަކީ އަފްގާނިސްތާނުގެ ބައިނަލްއަގުވާމީ ބައިވެރިވުން އިތުރު ކުރުމަށާ، އެ ގައުމަށް ބޭނުންވާ އިންސާނީ އެހީ ކަށަވަރު ކުރުމުގެ ގޮތުން، ސުވިޒްޒަލަންޑްގެ ޖެނީވާއަށް މިހާރު ދަތުރު ކުރަމުން ދާ ތޯލިބާން ވަފުދުގައި ހިމެނެ މެންބަރެކެވެ. ޖެނީވާގައި ހަރަކާތްތެރި ވާ ތޯލިބާނުންގެ ވަފުދުން، އެކި މުއައްސަސާތަކުގެ އިތުރުން އެންޖީއޯތަކާއެކު މަޝްވަރާ ކުރިއަށް ގެންދާނެ ކަމަށް ހަބަރު ލިބެއެވެ.
ޑރ ޓެޑްރޯޒް މީގެ ކުރިންވެސް ވަނީ އިބާދާ ބައްދަލު ކުރައްވާފައެވެ. އެއީ ތޯލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގިތާ ކުޑަ ދުވަސްކޮޅެއް ފަހުން، ސެޕްޓެމްބަރު 2021 ގައެވެ.
ފަހުގެ ބައްދަލުވުމަށް ފަހު ޑރ ޓެޑްރޯޒް ވިދާޅުވީ، ސެޕްޓެމްބަރު މަހަށް ފަހު ކޮންމްވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް ފެނުނު ކަމުގައި ވީ ނަމަވެސް، އަފްގާނިސްތާނުގެ ހާލަތު އަދިވެސް ވަރަށް ގޯސް ކަމަށެވެ. އަފްގާނިސްތާނުގައި އުފެދިފައި އޮތް އިންސާނީ ކާރިސާގެ ސަބަބުން، އެތައް ފުރާނައެއް ނުރައްކަލުގައި ވާ ކަމަށް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކުއްލި ހާލަތަކަށް އަފްގާނިސްތާނު ތައްޔާރު ވުމާ، ސިއްހީ ހިދުމަތްތެރިން ތަމްރީނު ކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ. އަފްގާނިސްތާނުގެ ސިއްހީ ދާއިރާގައި ގިނަ އަދަދަކަށް އަންހެނުން ހަރަކާތްތެރިވިއެވެ. ނަމަވެސް ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށުގައި، އަންހެން މުވައްޒަފުންނަށް ހުރަސްތަކެއް ހުރި ކަމުގެ އަޑުތައް، ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.
ތޯލިބާނުންގެ ވަފުދެއް މިދިޔަ ޖެނުއަރީ މަހު، އެމެރިކާއާއި ވިލާތުގެ އޮފިޝަލުންނާ ބައްދަލު ކޮށްފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ. އަދި އެމެރިކާއިން ވަނީ ފްރީޒް ކޮށްފައިވާ އަފްގާން އެސެޓްތަކަށް ދޫ ދީ، އިންސާނީ ކާރިސާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.