ސްރީލަންކާއިން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން ކުރިއަށް ދައްކަން ހުރި ފައިސާ ދައްކާ ހަލާސް ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑިތަކަށް އެ ގައުމުން އިހުތިރާމް ކުރާނެ ކަމަށާ، ގައުމު އޮތީ ބޭރު ގައުމުތަކަށް ދަރާފައިވާ ދަރަނި އަދާ ނުކުރެވޭ ފަދަ ހާލެއްގައި ނޫން ކަމަށް، ސްރީލަންކާގެ މަރުކަޒީ ބޭންކުން ބުނެފިއެވެ.
މި ދަނޑިވަޅަކީ މި ފަހަކަށް އައިސް ސްރީލަންކާއަށް އެންމެ ބޮޑު މާލީ ހީނަރު ކަމަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ. ސްރީލަންކާގެ މަރުކަޒީ ބޭންކު (ސީބީއެސްއެލް) ތަފާސް ހިސާބުތަކުގައި ވާ ގޮތުގައި އެ ގައުމުގެ އެކްސްޗޭންޖު ރިޒާވް ވަނީ، 2.36 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ.
ކަން މިހެން އޮތް ނަމަވެސް، މަރުކަޒީ ބޭންކުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ސްރީލަންކާގެ ސަރުކާރާއި ސީބީއެސްއެލް އޮތީ، ކުރިއަށް ދައްކަން ހުރި ދަރަނީގެ ފައިސާ ދައްކާ ހަލާސް ކުރުމުގެ ރޫހުގައި ކަމަށެވެ. އަދި ސީބީއެސްއެލް އޮތީ ދަރަނި ހަލާސް ކުރެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް ބުނެ ފަތުރަމުން ދަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ސްރީލަންކާގެ މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.
ބޭރުގެ އެކި ފަރާތްތަކަށް ސްރީލަންކާއިން ދަރާފައި ވާ ދަރަނީގެ 12.55 ބިލިއަން ޑޯލަރަށް އަރާއިރު، މީގެ ތެރެއިން 1 ބިލިއަން ޑޯލަރުގެ ބޮންޑް ހަލާސް ކުރުމުގެ މުހުލަތު، ޖުލައި 2022 ގައި ހަމަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ސްރީލަންކާއަށް މުދާ އިމްޕޯޓް ކުރުން އިންތިހާއަށް އިތުރުވަމުން ދާއިރު، އެ ގައުމުން ދަނީ ދަރަނި ހަލާސް ކުރުމަށާ، ރިޒާވް އިތުރު ކުރުމަށް، އެކި ގޮތް ގޮތުން ފަންޑު ހޯދުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް ހަބަރު ލިބެއެވެ.
ސްރީލަންކާގެ މާލީ ހާލަތު ގޯހުން ގޯހަށް ދާން ފެށީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކުގައެވެ. މައިގަނޑު ސަބަބަކަށް ވީ އެ ގައުމަށް އާމްދަނީ ވަންނަ ބޮޑެތި މަސްދަރުތައް ކަމަށް ވާ ފަތުރުވެރި ކަމާއި ރެމިޓަންސް ނުވަތަ ގައުމުން ބޭރުގައި މަސައްކަތް ކުރާ މީހުން ގައުމަށް ފައިސާ ފޮނުވުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ.
ސްރީލަންކާގެ ރައީސް، ގޮތަބާޔާ ރާޖަޕަކްސަ ވަނީ އެ ގައުމުން ޗައިނާއަށް ދަރާފައި ވާ ދަރަނި ރީސްޓްރަކްޗާ ކޮށްދެއްވުމަށް ޗައިނާގެ ހާރިޖީ ވަޒީރު، ވޭންގް ޔީ، ދާދި ފަހުން އެ ގައުމަށް ކުރެއްވި ޒިޔާރަތުގައި، އޭނާގެ ކިބައިން އެދިވަޑައިގެންފައެވެ.