ގަވާއިދާ ހިލާފަށް އެތެރެ ކޮށްގެން މަރާލި ދޫނިތަކަކީ މީގެ ކުރިން ވެސް ރާއްޖެއަށް އެތެރެ ކޮށްފައިވާ ބާވަތުގެ ދޫނިތަކެއް ކަމަށް ޕެޓް މާސްޓާ މޯލްޑިވްސް އިން ބުނެފިއެވެ.

ޕެޓް މާސްޓާ އިން ރާއްޖެ އެތެރެ ކުރި ޝިޕްމަންޓްގައި ހިމެނޭ 120 ދޫންޏަކީ އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ގެނައި ދޫނިތަކެއް ކަމަށް ބުނެއެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޕެޓް މާސްޓާއިން ބުނީ، އެއް ޝިޕްމަންޓްގައި ގެނައި ގިނަ އަދަދެއްގެ ދޫނިތައް މަރާލާފައިވާ އިރު، އެ ބާވަތުގެ ދޫނިތައް މީގެ ކުރިން ވެސް ރާއްޖެއަށް އެތެރެ ކޮށްފައިވާ ކަމަށާއި އެ ފަހަރުތަކުގައި މި ކަހަލަ މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.

މަނާކަމެއް ކަން ނާންގާ، ކުރިންވެސް އެ ބާވަތުގެ ދޫނި ގެންނަން، މައްސަލައެއް ވެސް އޭރު ނުޖެހޭ!

މީގެ ކުރިންވެސް އެކި ފަހަރު މަތިން ދޫނި އެތެރެކޮށްފައިވާ ޕެޓް މާސްޓާ އިން ބުނީ، އެ ދޫނިތަކަކީ ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނި ކަމަށް އެ ބުނާ ސަބަބު ނޭނގޭ ކަމަށެވެ. ދޫނި އެތެރެ ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތްތަކަށް ބަލާ އިރު، ގަވާއިދުގައި ބުނާ ގޮތަށް، ގައިވައިދަށް ފެތޭ ސައިޒުގެ ދޫނިތައް މިފަހަރު ވެސް މީގެ ކުރިން ވެސް ގެނެސްފައި ވާނެ ކަމަށް ޕެޓް މާސްޓާއިން ބުނެއެވެ.

"މިއީ އަލަށް ކުރާ ކަމެއް ނޫން. މި މަސައްކަތް އެތައް ޒަމާނެއް ވީ ކުރާތާ އަދި ރާއްޖޭގައި ކުރާ ބަޔަކީ ވެސް އަހަރެމެން. މި ފަހަރަކު ނޫން ދޯ ހިފަހައްޓާނީކީ. އަނެއްކޮޅުން ދޫނި ހިފެހެއްޓުމުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައި އޮއްވާ އެ ދޫނިތައް މަރާލީ ވެސް"
ޕެޓް މާސްޓާ

ރާއްޖެއަށް އެތެރެކުރުން މަނާ ދޫނީގެ ލިސްޓް މިނިސްޓްރީން އަޕްޑޭޓް ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ، މީގެ ކުރިން ގެނައި ޝިޕްމަންޓްތަކުގެ މައްސަލަ ނުޖެހި މި ޝިޕްމަންޓް ހިފަހެއްޓުމުން ގަވާއިދު އިސްލާހު ކޮށްދޭން މިނިސްޓްރީގައި އެދިފައި ވާނެ ކަމަށް ޕެޓް މާސްޓާއިން ބުނެއެވެ. މިއީ އެހެން ގައުމުތަކުގައި ވެސް ހުއްދަ އޮންނަ ދޫނިކަމަށް ވާތީ ފިޝަރީޒް މިނިސްޓްރީއާ ވާހަކަ ދެއްކުމުން އެ ލިސްޓް މުރާޖާ ކޮށް މިދިޔަ ޑިސެމްބަރުގައި ވަނީ އެ ލިސްޓު އާންމު ވެސް ކޮށްފައެވެ.

ގަވާއިދުގައި ބުނާ އެތެރެކުރުން މަނާ ދޫނީގެ ލިސްޓަށް ބަދަލު ގެނައުމުން ވެސް އެމީހުންނަށް އެ ދޫނިތައް ލިބޭ ގޮތް ނުވެ އެ ދޫނިތައް މަރާ ހިސާބަށް ދިއުމުން އެހެން ނުހެދުމަށް އެދިފައި ވާނެ ކަމަށް ޕެޓް މާސްޓާއިން ބުނެއެވެ. އަދި ކުޑަކުދިންގެ ބަގީޗާ ފަދަ ތަނަކަށް އެ ދޫނިތައް ހަދިޔާ ކުރަން ބޭނުންވާ ކަމަށް ބުނެފައި އޮއްވާ ކުއްލިއަކަށް އިއްޔެ ގުޅާފައި ދޫނި މަރަން ނިންމި ވާހަކަ އެންގި ކަމަށް ޕެޓް މާސްޓާ އިން ބުނެއެވެ.

ޕެޓް މާސްޓާއިން ވިއްކަން ޖާހާފައިވާ ދޫނިތަކެއް

ފެސިލިޓީގައި ތިބި ހުރިހާ ދޫނިތަކަކަށް ކާން ދިނީ ވެސް ޕެޓް މާސްޓާ!

ގަވާއިދާ ހިލާފަށް އެތެރެ ކުރި ދޫނިތަކެއް ކަމަށް ބުނެ ކަސްޓަމްސް އިން އެ ދޫނިތައް ހިފެހެއްޓުމަށް ފަހު ބޭތިއްބީ ކަރަންޓީން ފެސިލިޓީއެއްގައެވެ. އެ ތަނުގެ ހާލަތު ހިއްސާ ކުރަމުން ޕެޓް މާސްޓާއިން ބުނީ، ކަރަންޓީން ފެސިލީޓިއޭ ފިޝަރީޒް އިން އެ ބުނާ ތަނަކީ ކުޑަ ކޮޓަރިއެއް ކަމަށާއި އެތަނުގައި ދޫނި ބައިތިއްބަން ހުރީ ދެ ފޮށިގަނޑު ކަމަށެވެ.

އެ ދޫނިތައް ހިފެހެއްޓުމުން އެތަނަށް ގޮސް 17 ކޮށި ރާވާއި އެ ދޫނިތައް ލާފައިވާ ކަމަށާއި 4 މަސް ވަން ދެން އެ ފެސިލިޓީއަށް ކޮންމެ ދެ ދުވަހަކުން ގޮސް އެ ދޫނިތަކަށް ކާން ދެމުން ގެންދިޔައީ ވެސް އެ މީހުން ކަމަށް ޕެޓް މާސްޓާ އިން ބުނެއެވެ. އަދި ކާން ދިނީ ހަމައެކަނި އެމީހުންގެ ޝިޕްމަންޓުން ހިފެހެއްޓި ދޫނިތަކަށް އެކަނި ނޫން ކަމަށާއި، އެކި ފަހަރު މަތިން އެހެން ބަޔަކު އެތެރެކޮށްގެން ހިފަހައްޓާފައި އެ ފެސިލިޓީގައި ތިބި ދޫނިތަކަށް ވެސް ކާން ދިނީ އެމީހުން ކަމަށް ޕެޓް މާސްޓާއިން ބުނެއެވެ.

ޕެޓް މާސްޓާއިން ވިއްކަން ޖާހާފައިވާ ދޫނިތަކެއް

ފިޝަރީޒް މިނިސްޓްރީން 80 ދޫނި ފޮނުވާލުމަށް ފުރުސަތު ދިން އިރު، މިނިސްޓްރީން އެއްބާރުލުން ދީގެން ނޫނީ މިފަދަ ކަމެއް ނުވާނެ ކަން އެނގެން ޖެހޭނެ ކަމަށް ޕެޓް މާސްޓާއިން ބުނެއެވެ. އެ ދޫނިތަކަކީ އެއްގައުމުން އަނެއް ގައުމުން ގެންނަ އެއްޗެހި ވީމައި އެ ފޮނުވާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އޭގެ މަރުހަލާތައް އުނދަގޫވެފައި ބޮޑު ހަރަދެއް ހިނގައި ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ޕެޓް މާސްޓާ އިން ބުނެއެވެ.

އެ ދޫނިތައް މަރާލުން އޯކޭ ނަމަ ހިޖުރަ ކުރާ ދޫނި ވެސް މަރަންވީ!

މައްސަލަ ހޫނުވެގެން ދިޔަ ހިސާބު ހިއްސާ ކުރަމުން ޕެޓް މާސްޓާއިން ބުނީ، ގާނޫނަކުން ރާއްޖެ އެތެރެ ކުރަން ހުއްދަ ދީފައި ހުރި ދިރޭތަކެތި މާރާލުމަކީ އެންމެ ބޮޑު އެއް ޝަކުވާ ކަމަށެވެ. އެއީ ރަނގަޅު ގޮތެއް ނޫން ކަން އެންމެން ވެސް ގަބޫލު ކުރާނެ ކަމަށާއި އެހެން އެކަން ކުރާނަމަ ރާއްޖެއަށް ހިޖުރަ ކުރާ ދޫނިތައް ހިފާ މީހާ ހައްޔަރު ނުކޮށް އެ ދޫނިތައް ވެސް މަރަންވީ ކަމަށް އޭނާ ބުނެއެވެ.

ދޫނިތައް މަރާލި މައްސަލައިގައި މިހާރު ރައީސް ސޯލިހް ވަނީ އެ ތަކެތި މަރާލި ގޮތުގެ ތަފްސީލް ރިޕޯޓެއް ހުށަހެޅުމަށް މިނިސްޓްރީއަށް އަންގަވާފައެވެ. މި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު އެ ދޫނިތައް މަރާލި މައްސަލައިގައި އެންމެ ބޮޑަށް ކަންބޮޑުވާ އެއް ސަބަބަކީ އެ ބާވަތުގެ ދޫނިތަކަކީ މިހާރުވެސް ރާއްޖޭގައި "ޕެޓްސް" ގެ ގޮތުގައި ގިނަ ބަޔަކު ގެންގުޅެމުން އަންނަ ދޫނިތަކަކަށް ވުމެވެ.

މި މައްސަލައިގައި ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ އެ މިނިސްޓްރީން އެ ދޫނިތައް ނުމަރާ މައްސަލަ ހައްލު ކުރާނެ ގޮތެއް ހޯދުމުގައި ދުވަސްތަކެއް ހޭދަ ކުރި ކަަމަށެވެ. އެފަދަ ދޫނިތައް ބައިތިއްބާނެ ތަނެއް ގާއިމް ކުރުމަށް ނުވަތަ ފަޅު ރަށެއް ހޯދަން ވެސް މަސައްކަތް ކުރި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެއްވެސް ގޮތެއް ނުފެނުމުން އެ ދޫނިތައް އިމްޕޯޓް ކުރި ފަރާތުން ގެނައި ގައުމަށް ފޮނުވާލުމަށް ފުރުސަތު ދިން ކަމަށާއި އިމްޕޯޓަރުން އަޅާނުލުމުން ދެން ނައްތާލަން ނިންމީ ކުރިން ވެސް މި ގޮތަށް ގެންނަ ދޫނި މަރާ އުސޫލުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ތިމާވެށްޓާއި ދިރޭ ތަކެއްޗަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ބައެއްގެ ގޮތުގައި "ލޭބަލް" ވެފައިވާ ރާއްޖޭގެ ސަރުކާރުން މިފަދަ ކަމެއް ކުރުމުން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.