ތޫނިސްގައި ޝަރުއީ މައި ބާރު އުވާލައްވާނެ ކަމަށް އެ ގައުމުގެ ރައީސް ކާއިސް ސައީދު އިއުލާން ކުރެއްވުމާއެކު، ހަމަނުޖެހުންތަކުގެ އިތުރު ފުން ވަޅުގަނޑަކަށް ތޫނިސް ވެއްޓިއްޖެއެވެ.

ފާޑުކިއާ ފަރާތްތަކުން ސިފަ ކުރާ ގޮތުގައި، ރައީސްގެ މި ނިންމެވުމަކީ، ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ތޫނިސް ކުރަމުން ދާ ސިލްސިލާއަށް އެންމެ ފަހުން އިތުރުވި ބޮޅެވެ.

ތޫނިސްގެ ސުޕްރީމް ޖުޑީޝަލް ކައުންސިލްގެ އިސް ވެރިޔާ ޔޫސުފް ބުޒާހިރު ވިދާޅުވީ، ރައީސްގެ ނިންމެވުމަކީ ޣައިރު ގާނޫނީ ނިންމެވުމެއް ކަމަށާ، އެ އިދާރާގެ މަސައްކަތައް ކުރިއަށް ދާނެ ކަމަށެވެ.

ތޫނިސްގެ ރައީސް ވަނީ، އެ ގައުމުގެ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ޖެހިވަޑައިގެން، ކޮރަޕްޓް ވެފައި ވާ ބައެއް ކަމުގައި ސިފަ ކުރައްވާފައެވެ.

އެ ކައުންސިލް އުވާލާނެ ގާނޫނީ އޮނިގަނޑެއް ނެތް ކަމަށް ތޫނިސްގެ ސުޕްރީމް ޖުޑީޝަލް ކައުންސިލުން ބުނެއެވެ. ޝަރުއީ މިނިވަންކަން ނެގެހެއްޓުމުގެ ނަމުގައި 2016 ވަނަ އުފެއްދި ކައުންސިލްގެ މެންބަރުން ވަނީ، އެ މެންބަރުންގެ މަގާމު ދަމަހައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، ރައީސްގެ ސަޕޯޓަރުން ވަނީ ކާއިސް ސައީދުގެ ނިންމެވުމަށް ތާއީދު ކުރައްވާފައެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން ދުނިޔެ ދުށް "އަރަބި ބަހާރު"ގެ ފެށުމަކަށްވެސް ވީ، ތޫނިސްގައި 2011 ވަނަ އަހަރު، އެ ގައުމުގެ ލީޑަރަކަށް ހުންނެވި ޒައިނުލް އާބިދީންއާ ދެކޮޅަށް ކުރިއަށް ގެންދިޔަ އިންގިލާބީ ހަރަކާތްތަކެވެ.