750 ޓަނުގެ ޑީސަލް ބަރުކޮށްގެން މިސްރުން މޯލްޓާއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް، ތުނިސްގެ އައްސޭރިފަށުގެ ސަރަހައްދަށް އަޑިއަށް ހިނގައްޖެއެވެ.

ސަރަހައްދީ ތަރުޖަމާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ގަލްފް އޮފް ގޭބްސްއޭ ކިއުނު ސަރަހައްދަށް ބޯޓު އަޑިއަށް ދިޔައީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އެވަގުތު، ބޯޓުން އެއްވެސް ވަރަކަށް ޑީސަލް ލީކު ވެފައި ނުވާ ކަމަށާ، ނަމަވެސް ދެން އަޅަން ހުރި ފިޔަވަޅު ތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، ޑިޒާސްޓާ ޕްރިވެންޝަން ކޮމިޓީއިން މަޝްވަރާ ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ތޫނިސްގެ ކަމާ ބެހޭ ފަރާތްތަކުން މީގެ ކުރިން ވަނީ ބޯޓުން ޑީސަލް ބޭރުވުމުގެ ބިރު އޮތް ކަން ހާމަކޮށް، އެކަމުގެ ސަބަބުން "ތިމާވެށީގެ ކާރިސާއެއް" އުފެދިދާނެ ކަމަށް އިންޒާރު ކޮށްފައެވެ.

ތޫނިސްގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، މުދާ އުފުލާ ބޯޓު "ޒޭލޯ" ތޫނިސްގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް، ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެދުނީ، މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ބޯޓު އޮތީ ކަންބޮޑުވާންޖެހޭ ފައްތަރެއްގައި ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ތޫނިސްގެ ދިފާއީ ވުޒާރާގެ އިތުރުން ދާހިލީ، ދިފާއީ އަދި ޓްރާންސްޕޯޓް އަދި ކަސްޓަމްސް މިނިސްޓްރީއިން ދަނީ، ތިމާވެށީގެ ކާރިސާއަކުން ދިފާއު ހޯޑާ، ހާދިސާއެއް ހިނގައިގެން ކުރިމަތިވާ އަސަރު ކުޑަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިވަގުތު މަސްރަހު އޮތީ ކޮންޓްރޯލްގެ ދަށުގައި ކަމަށްވެސް ހަބަރު ލިބެއެވެ.

ތޫނިސްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ބޯޓުގެ ކުރޫ، ރައްކާތެރި ހިސާބަކަށް ބަދަލު ކޮށްފައެވެ.

އިކުއިޓޯރަލް ގިނީގެ ދިދައިގެ ދަށުގައި ދުއްވަމުން ދިޔަ ބޯޓު، ގަލްފް އޮފް ގޭބްސް ސަރަހައްދުން ދިޔަ ވާން ފެށީ، ތޫނިސްގެ ދެކުނުއިރުމަތީ އައްސޭރިފަށުގެ 7 ކިލޯމީޓަރު ބޭރުންނެވެ.