ފަރަންސޭސިވިލާތުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ނީސްގައި ތޫނު އެއްޗަކުން ހަމަލާދީ 3 މީހަކު މަރާލުމުގެ އަމަލު ހިންގި ކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ތޫނިސްގެ ރައްޔިތެއް ކަމަށް ބުނުމާއެކު، މިކަމާ ގުޅޭ ތަހުގީގުތައް ފުޅާ ދާއިރާއއްގައި ހިންގަން ފަށާފައި ވާ ކަމަށް، ހަތިޔާރުއެޅި ހަނގުރާމަވެރިންގެ މައްސަލަތައް ބެލުމަށް ތޫނިސްގައި ގާއިމު ކޮށްފައި ވާ ހާއްސަ ކޯޓުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ތޫނިސްގެ ކައުންޓާ-މިލިޓަންސީ ކޯޓުގެ ތަރުޖަމާނު، މުހްސިން ދާލީ ވިދާޅުވީ، ގައުމުން ބޭރުގައި ތޫނިސްގެ މީޙަކު ޓެރަރިޒަމްގެ އަމަލު ހިންގާފައި ވާ ކަމަށް ބުނާ މައްސަލާގައި، އެންޓި-ޓެރަރިޒަމް ކޯޓުގެ ޕަބްލިކް ޕްރޮސެކިއުޓަރު، މިހާރު ފޮރެންސިކް ތަހުގީގެއް ފައްޓަވާފައި ވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ހަމަލާގައި އަންހެނެއްގެ ބޯ ބުރިކޮށްލާފައި ވާ އިރު، އިތުރު 2 މީހަކު މަރާލާފައިވަނީ ތޫނު އެއްޗަކުން ހަމަލާ ދީގެންނެވެ.

ތޫނިސްގެ ސަލާމަތީ މަސްދަރަކާ، ފަރަންސޭސިވިލާތުގެ ފުލުހުންގެ މަސްދަރަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، މި ހަމަލާ ދީފައި ވަނީ ބްރާހީމް އައޫއިސާއޫއީ ނަމަކަށް ކިއާ މީހެކެވެ.

ފަރަންސޭސިވިލާތުގެ ޗީފް އެންޓި-ޓެރަރިސްޓް ޕްރޮސެކިއުޓަރު ހާމަ ކޮށްފައި ވާ ގޮތުގައި، ހަމަލާ ދީ ފައި ވަނީ 1999 ވަނަ އަހަރު ތޫނިސްގައި އުފަންވި މީހެއް ކަމަށެވެ. އެމީހާ ވިލާތަށް އެތެރެވީ ސެޕްޓެމްބަރު 20 ވަނަ ދުވަހު، އިޓަލީވިލާތުގެ ރަށް ބޭރުން އޮންނަ ރަށަކަށް ކަމަށްވެސް ފަރަންސޭސިވިލާތުގެ ޗީފް އެންޓި-ޓެރަރިސްޓް ޕްރޮސެކިއުޓަރު ވަނީ ހާމަކޮށްފައެވެ.

ހަމަލާ ދިން މީހާ ނީސްއަށް އެތެރެވީ ބުރާށްފަތި ދުވަހުގެ ހެނދުނު ކަމަށާ، އެއަށްފަހު އޭނާ މިސްރާބު ޖެހީ ހަމަލާ ދިން ޗާޗް ހިމެނޭ ސަރަހައްދަށް ކަމަށް ވެސް ފަރަންސޭސި އޮފިޝަލު ވަނީ ހާމަކޮށްފައެވެ.

ހަމަލާ ދިން މީހާގެ ގަޔަކަށް ފުލުހުން ވަނީ ބަޑިޖަހާފައެވެ. އޭނާ އޮތީ ކުރިޓިކަލް ހާލެއްގައި ކަމަށް ޚަބަރު ލިބެއެވެ.

މުހްސިން ދާލީ ވިދާޅުވީ، ބްރާހީމް އައޫއިސާއޫއީ އަކީ ހަތިޔާރުއެޅި ހަނގުރާމަވެރިއެއް ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ގޮތުގައި ފުލުހުންގެ ދަފުތަރުގައި ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.

ފަރަންސޭސިވިލާތުގައި ދިން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އެ ގައުމުން ކަނޑައަޅާފައި ވާ އިރު، އިސްލާމީ ބޮޑެތި ގައުމުތަކުން ދަނީ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް، ބަހްރައިން، ކުވައިތު، ގަލްފް ކޯޕަރޭޝަން އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ހިމެނެއެވެ.