ތޫނިސްގެ ރައީސް ކާއިސް ސައީދު ސިފަކުރައްވާ ގޮތުގައި 2019 ވަނަ އަހަރުގެ އިންތިހާބުން އޭނާއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ، އާ އިންގިލާބެކެވެ. އާދީއްތަ ދުވަހުގެ ރޭ، އޭނާ ވަނީ، މަގުތަކަށް އެތައް ސަޕޯޓަރުންނެއް ނެރެ، އެ ސިފަކުރެއްވުމަށް ހިތްވަރު ދެއްވާފައެވެ. ކާއިސް ސައީދުގެ އެތައް ސަޕޯޓަރުންނެއް ތޫނިސްގެ މަގުތަކަށް ނިކުތީ، ރައީސްގެ ހުށިޔާރު ނިންމެވުންތަކުގެ ތާއީދުގައެވެ. ބޮޑުވަޒީރު މަގާމުން ދުރުކުރައްވާ، ސަރުކާރުގެ އިސްވެރިން ވަޒީފާއިން ވަކި ކުރައްވާ، ގާނޫނޫ ހަދާ މަޖިލީސް ފްރީޒް ކުރެއްވުމާ ގުޅިގެންނެވެ. ނަމަވެސް ކާއިސް ސައީދުގެ އަދުއްވުން މިކަން ސިފަ ކުރަނީ ބަޣާވާތެއްގެ ގޮތުގައެވެ.

ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހިވަޑައިނުގަންނަވާ މިނިވަނެއްގެ ގޮތުގައި ސިފަކުރަމުން އަންނަ، އުމުރުފުޅުން 63 އަހަރުގެ ކާއިސް ސައީދަކީ، މީގެ ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިއަދު ތޫނިސްގެ ސިޔާސީ މަސްރަހު ރާޑަރު އަމާޒުވެފައި ވަނީވެސް، ގަދީމީ އަރަބި ބަހުން ވާހަކަފުޅު ދައްކަވަމުން ގެންދަވާ، ކާއިސް ސައީދަށެވެ.

ތޫނިސްގެ ރައީސް ކާއިސް ސައީދު / ފޮޓޯ: ދަ ބޮސްޓަން ގްލޯބް

އިންތިހާބަށް ގާތްގަނޑަކަށް 2 އަހަރު ފުރި، ވަކި އިންތިހާބެއްގައި، އިންތިހާއަށް ބައިބައިވެފައިވާ ގާނޫނު ހަދާ މަޖިލީހެއް ތޫނިސްގައި އުފަންވެފައި ވާއިރު، ކާއިސް ސައީދު ވަނީ، ބޮޑުވަޒީރާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ފޭ އަށް ޖެހިވަޑައިގެން، ހަވާސާވެވަޑައިގެންފައެވެ. ފާޑުކިއުންތެރިން ސިފަކުރާ ގޮތުގައި، މިއީ ޣައިރު ގާނޫނީ ގޮތެއްގައި، ކާއިސް ސައީދުގެ މުށުތެރެއަށް ބާރުތައް ގެންދެވުމުގެ އަމަލެކެވެ.

ސިޔާސީ އޮއެވަރުގެ އުސް ރާޅުބާނީތަކުގައި ކާއިސް ސައީދުގެ ގަރަގު ވެ ދިއުމުން އޭނާ ސަލާމަތް ކޮށްދެނީ ސަޕޯޓަރުންގެ ފައުޖުތަކުންނެވެ. ސަބަބެއް ކަމުގައި ވަނީ، ޑިމޮކްރަސީގެ ފޮނި މީރުކަން ގެނެސްދިނުމަށް، ސިޔާސީ ޝަހްސުތަކެއް ސިލްސިލާ ގޮތެއްގައި ފެއިލްވި، ފެއިލްވުމެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރާޝިދު ގަނޫޝީ އަކީ ކިލަނބުވެފައިވާ ސިޔާސީ ސަނަދެއްގެ ވެރިއެކެވެ. 2011 ވަނަ އަހަރު ތޫނިސް ދުށް އިންގިލާބަށް ފަހުގައި، ރާޝިދު ގަނޫޝީ ގުރުބާން ކުރެއްވި އެއްޗަކަށް ވެފައި ވަނީ ޑިމޮކްރަޓިކް ސިޔާސީ ނިޒާމު ކަމަށް ބުނާއިރު، 2019 ވަނަ އަހަރު ތޫނިސްގެ ރައީސް ކަން ކަށަވަރު ކުރެއްވި ކާއިސް ސައީދު ސިފަކުރެވުނީ، ސިޔާސީ މައިދާނަށް ލިބުނު އާ އުއްމީދެއްގެ ގޮތުގައެވެ.

ތޫނިސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރާޝިދު ގަނޫޝީ / ފޮޓޯ: ދަ މިޑްލްއީސްޓް މޮނިޓާ

އެ ފަހަރުގެ އިންތިހާބަށް ކާއިސް ސައީދު ނިކުންނެވީ އާދައިގެ މީހެއްގެ ގޮތުގައެވެ. ކޮރަޕްޓް ވެފައި ވާ ނިޒާމަކާ ދެކޮޅަށް ކަމަށް ސިފަކޮށްދެއްވިއެވެ. އިންތިހަބީ ކެމްޕޭނަށް ފައިސާތަކެއް ހަރަދެއް ނުކުރައްވައެވެ. ކުރެއްވި ހާ ވެސް ހަރަދަކީ އޭނާގެ ސިނގިރޭޓާއި ކޮފީއަށް ކުރެއްވި ހަރަދެއް ކަމަށް ބުނެވެއެވެ. އެޑްވައިޒަރުންނާއި ވޮލަންޓިއަރުންނާއެކު ކިރިއާ ޓީމެއް އޮތް ކަމެވެ. ނަމަވެސް އޭނާ ވަނީ ވާތުފިޔައިގެ ފިކުރުގެ މީހުންނާއި، އިސްލާމީ ފިކުރުގެ މީހުންނާއި ޒުވާނުންގެ ތާއީދު ކަށަވަރު ކުރައްވާފައެވެ. ތޫނިސްގެ ރައްޔިތުން، ކާއިސް ސައީދު ބަލައިގަތީ، ނަޒާހާތްތެރިއެއްގެ ގޮތުގައެވެ.

ވެރިކަމުގެ މަސައްކަތްތައް ހިންގަވަން ފެއްޓެވިއިރު، ކާއިސް ސާއިދު ވަނީ ގާނޫނީ ކަސްތޮޅެއްގައި ބެދިފައެވެ. ރައީސްއަށް ސީދާ ބާރު ހިންގޭ ކަމަކަށް އޮތީ އަސްކަރިއްޔާއާއި ހާރިޖިއްޔާއެވެ. ދުވަހުން ދުވަހަށް ހިންގާ އިދާރީ ހުރިހާ ކަމެއްގެ ބާރު އޮތީ ގާނޫނު ހަދާ މަޖިލީހަށެވެ.

ތޫނިސްގެ ރައީސް ކާއިސް ސައީދު / ފޮޓޯ: ދަ މިޑްލްއީސްޓް އައި

ގާނޫނަށް ބަދަލު ގެންނަވަން ބޭނުންފުޅު ވާ ކަން، ކާއިސް ސިއްރެއް ނުކުރައްވައެވެ. އިސާހިތަކު ސިޔާސީ ނަޒަރު އޭނާއަށް އަމާޒުވެ، މިސްރުގެ ޢަބްދުލްފައްތާހު އަލްސީސީ ފަދައިން، އަދުއްވުންގެ އަތުން ބާރުތައް ނަންގަވާ ކަމުގެ ތުހުމަތު، ކާއިސް ސައީދަށް އަމާޒު ކުރެވިގެން ދިޔައެވެ.

ވެރިކަން ހިންގައިގަނެ ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް، ބޮޑުވަޒީރުންނާއި ރައީސްގެ ގުޅުން ދިޔައީ ނުތަނަވަސް ވަމުންނެވެ. ތަކުލީފު ބޮޑު ކޯލިޝަން މަރުހަލާއެއްގެ ތެރެއިން ފުރަތަމަ ވަޑައިގެންނެވި ބޮޑުވަޒީރު އިލްޔާސް ފަހުފަހާއި ހާޝިމް މެއްޗިޗީއާވެސް ކާއިސް ސާއިދަށް ގުޅިވަޑައިގެންނެވޭ ގޮތެއް ނުވިއެވެ.

އެންމެ ބޮޑު ސިޔާސީ ދެބަސްވުމެއް އުފެދުނީ މެދުމިނުގެ އިސްލާމީ ފިކުރުގެ އިނާހްދާ ޕާޓިއާއި އެ ޕާޓީގެ ސިޔާސީ ލީޑަރު ގަނޫޝީއާ ދެމެދުގައެވެ. ގަނޫޝީއަކީ ކުރީގެ ސިޔާސީ އަސީރެކެވެ. އަދި އަރުވާލެވިގެން ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި އުޅުއްވުމަށްފަހު، 2011 ވަނަ އަހަރު ގައުމަށް އެނބުރި ވަޑައިގެންނެވި ސިޔާސީ ޝަހްސެކެވެ.

ފާއިތުވީ އަހަރަކަށްވުރެ ގިނަ ދުވަހަށް ބަލާއިރު ދެބަސްވުންތައް އުފެދި ވަޒީރުންގެ މަޖިލީސް އެކި ގޮތްގޮތަށް ތަރުތީބު ކުރެއްވިއެވެ. ސަލާމަތީ ބާރުތަކުގެ ކޮންޓްރޯލާ މެދު ހިޔާލުތަފާތުވުން އުފެދުނެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ، މާލީ ކާރިސާގައި ގައުމު ނަގަހައްޓަން ގޮންޖެހުން ބޮޑު ތަކުލީފީ ދަތުރަކަށް މަސްރަހު ބަދަލުވިއެވެ.

ޖެނުއަރީ މަހު މުޒާހަރާތައް ފެށިއިރު، އާންމުންގެ ނަފުރަތު އަމާޒުވަމުން ދިޔައީ ސަރުކާރާއި، ގަދީމީ ސިޔާސީ ޕާޓީތަކުން ކޮންޓްރޯލް ކުރި ގާނޫނު ހަދާ މަޖިލީހަށެވެ. ހުސްވި ހަފުތާގައި ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކަށް އެރުމާއެކު، އާންމުންގެ ރުޅިވެސް ގަދަވީއެވެ. ހުޅުގަނޑު ފަޅައިގެން ދިޔައީއެވެ.

ތޫނިސްގެ ރައީސް ކާއިސް ސައީދުގެ ކެމްޕޭންގެ ތެރެއިން / ފޮޓޯ: ރުވާގު

ފަސޭހަކަމާއެކު ވެކްސިން ޖަހާދޭނެ ސެންޓަރުތައް ގާއިމު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ފެއިލްވުމުން ކާއިސް ސައީދު ވަނީ ބަލިމަޑުކަމުގެ އިޖާބައާ ގުޅޭ ހުރިހާ ކަމެއް، އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދަވާފައެވެ. ފާޑުކިއާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، މިއީ ސަރުކާރާ ދެބަސްވެވަޑައިގެން ހުންނެވި ރައީސް، ބާރު ކަށަވަރު ކުރައްވަން އެންމެ ފަހުން އެޅުއްވި ފިޔަވަޅެވެ.

ކާއިސް ސައީދަކީ ތޫނިސްގައި 2014 ވަނަ އަހަރު އެކުލަވާލި ޑިމޮކްރަޓިކް ގާނޫނު އަސާސީގެ މުހިންމު ހިއްސާދާރެކެވެ. ނަމަވެސް، އެ ލިޔުމުގައި ވާ ކަންކަމާ ދެކޮޅަށް ކާއިސް ސާއިދު ވަކާލާތު ކުރައްވަން ފެއްޓެވީ މާ ލަހެއް ނުވެއެވެ. ތޫނިސްގެ އިންގިލާބީ ވާރިސުން ސިފަކުރާ ގޮތުގައި، ސަރުކާރު އުވާލާ، މަޖިލީސް ފްރީސް ކުރުމަކީ ކާއިސް ސައީދު، ޑިމޮކްރަސީއަށް ދެއްވި ހަމަލާއެކެވެ. އައި ނައި ތަނެއް ނޭނގޭ ސިޔާސީ "ބިދޭސީ" އަކު ކުރި ބަޣާވާތެކެވެ.