ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުން ދާ ފިޔަވަޅުތަކާ ދެކޮޅަށް ކެނެޑާގައި "ފްރީޑަމް ކޮންވޯއީ"ގެ ނަމުގައި ކުރިއަށް ގެންދާ މުޒާހަރާ، ކޮންޓްރޯލުން ނެއްޓިފައި ވާ ކަމަށް ވިދާޅުވެ، ވެރިކަން ކުރާ އޮޓާވާގައި ސްޓޭޓް އޮފް އެމާޖެންސީ އިއުލާން ކުރެއްވުމަށް، އެ ސަރަހައްދުގެ މޭޔަރު ޖިމް ވޮޓްސަން ނިންމަވައިފިއެވެ.

ފުލުހުންނަށް ވުރެ މުޒާހަރާގެ ބައިވެރިންގެ އަދަދު ގިނަވެ، މުޅި ހަރަކާތް ކޮންޓްރޯލުން ނެއްޓިފައި ވާ ކަމަށާ، މުޒާހަރާގެ ބައިވެރިންގެ ސަބަބުން، ރަށްވެހިންގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެފައި ވާ ކަމަށް ވޮޓްސަން ވަނީ ވިދާޅުވެފައެވެ.

މުޒާހަރާގެ ބައިވެރިން ދަނީ އަޑުގަދަކޮށް ސައިރަން ފުމެ، ބަޑިބޭހުގެ ކުޅިވަރުތައް ކުޅެ، ޕާޓީ ކުރަމުން ކަމަށް މޭޔަރު ވަނީ ސިފަކުރައްވާފައެވެ.

ކެނެޑާގެ ފުލުހުން ވަނީ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށާ، މުޒާހަރާގެ ބައިވެރިންނަށް އެހީތެރިވާ ފަރާތްތައް ހައްޔާރު ކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ސްޓޭޓް އޮފް އެމާޖެންސީ އިއުލާން ކުރުމާއެކުވެސް ކަމާ ބެހޭ ފަރާތްތަކަށް އިތުރު ބާރުތަކެއް ލިބިގެންދާނެއެވެ.

ޓްރަކް ޑްރަވައިރުން އިސްވެ ކުރިއަށް ގެންދާ މި ހަރަކާތުގައި ޑްރަވައިވަރުން އޮޓާވާގެ މައި ހިސާބުގަނޑު މުޅިންހެން ބައްދާލާފައެވެ. އެމީހުން މިކަން ކުރަނީ އުޅަނދުތައް އަތުރާ، ޓެންޓުތައް ޖަހައިގެންނެވެ.

"ފްރީޑަމް ކޮންވޯއީ"ގެ ނަމުގައި މި ހަރަކާތް ފެށީ، ކޮވިޑް-19 އިން ދިފާއުވުމަށް ޓްރަކް ޑްރަވައިވަރުން ވެކްސިން ޖަހަން ޖެހޭ ގޮތަށް، ކެނެޑާގެ ސަރުކާރުން ލާޒިމު ކުރި ކުރުމާ ދެކޮޅު ހަރަކާތެއްގެ ގޮތުގައެވެ.