ސެކިއުރިޓީ މައްސަލައަކާ ގުޅިގެން އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްގެ ހިދުމަތްތައް މެދުކަނޑާލައިފިއެވެ.

އައިޖިއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގެ ޕޭޝަންޓް ޕޯޓަލްއަށް ދިމާވި ސެކިއުރިޓީ މައްސަލައަކާ ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށްޓަކައި ހޮސްޕިޓަލުގެ ޕޭޝަންޓް ޕޯޓަލްގެ ހިދުމަތް ވަނީ މެދުކަނޑާލާފައި ކަމަށެވެ. މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ހޮސްޕިޓަލުން ދަނީ ކުރަމުން ކަަމަށާއި މައްސަލަ ހައްލުވީހާ އަވަހަކަށް ޕޭޝަންޓް ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދޭނެ ކަމަށް އައިޖީއެމްެޗުން ބުނެއެވެ.

މިކަމުގެ ސަބަބުން އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗް އަކީ ރާއްޖޭގެ ގިނަ ބަޔަކު ސިއްހީ ފަރުވާ ހޯދުމަށް ދާ އެއް ހޮސްޕިޓަލެވެ. ސަރުކާރު ހޮސްޕިޓަލަކަށް ވެފައި އާސަންދައިން މައިގަނޑު ގިނަ ހިދުމަތްތަކެއް ކަވާ ކުރާތީ، އަމިއްލަ އަތުން ހޭދައެއް ނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ގިނަ ބަޔަކު އައިޖީއެމްއެޗަށް ދައްކަން ހިޔާރު ކުރެއެވެ.

ޕޭޝަންޓް ޕޯޓަލް މެދުކަނޑާލި އިރު އެ ހޮސްޕިޓަލަށް ދައްކާ އެތައްބައެއްގެ ޒާތީ މައުލޫމާތު ހެކަރުންނަށް ލިބެން ހުރި މައްސަލަ ވަނީ ފެންމަތިވެފައެވެ.