"ސަވާދީއްތަ ދަތުރު"ގެ ނަމުގައި ރާއްޖޭގައި ބާއްވާ ފުރަތަމަ ޔޮޓް ރެލީގައި ބައިވެރިވުމަށް 12 އަށް ވުރެ ގިނަ ޔޮޓް ރަޖިސްޓްރީކޮށްފި ކަމަށް، މި ރެލީ އިންތިޒާމްކުރާ މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފިއެވެ.

ހއ. އުލިގަމުގައި އިއްޔެ މި ހަރަކާތުގެ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންގޮސްފައިވާއިރު، އެ ހަރަކާތުގައި ބައިވެރިވާ އެންމެނަށް އެ ރަށުން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

އެމްއައިޓީޑީސީން ބުނީ، މި ޔޮޓް ރެލީގައި ބައިވެރިވުމަށް އިއްޔެ ހަވީރު އުލިގަމުގައި 12 އަށް ވުރެ ގިނަ ޔޮޓްތަކުން ރަޖިސްޓްރީކޮށްފައިވާއިރު، 10 ޔޮޓެއް ވަނީ ރަސްމީކޮށް ރަޖިސްޓްރީކޮށްފައި ކަމަށެވެ. މި ރެލީގައި ޔޮޓްތައް ރަޖިސްޓްރީކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އުލިގަމުގެ ބީޗް ސަރަހައްދުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި ޔޮޓް ރެލީ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ތިން ހަފްތާގެ މުއްދަތަކަށެވެ.

ތިން ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ރެލީގައި، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ޓުއާގެ ބައިވެރިން ޒިޔާރަތް ކުރާނެއެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 11 ރަށަކާއި ހަތަރު ފަޅުރަށެއް ހިމެނެއެވެ.

"ސަވާދީއްތަ ދަތުރު"ގެ ދަށުން ރެލީގެ ބައިވެރިން ދާ ރަށްރަށާއި ތަންތަން

  • ހއ. އުލިގަން
  • ހއ. ހޯރަފުށި
  • ހއ. މަތީރަށް
  • ހއ. ގައްލަންދޫ
  • ހއ. އިހަވަންދޫ
  • ހއ. ތަކަންދޫ
  • ހއ. އުތީމު
  • ހއ. ބާރަށް
  • ހދ. ނޮޅިވަރަންފަރު
  • ކުޅުދުއްފުށި ސިޓީ
  • ހދ. ކޭލަކުނު
  • ށ. ފުނަދޫ
  • ށ. ނަލަންދޫ
  • ނ. ލަންދޫ
  • ބ. ތުޅާދޫ
  • ހަނިފަރު ބޭ
  • ބިލެއްދޫ ތިލަ

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ޓުއާގެ މަގުސަދަކީ ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި މުއްސަނދި ތާރީހުގެ އިތުރުން ޔޮޓް ޓޫރިޒަމް ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން މި ސަރަހައްދުތައް ހަރުދަނާ ކުރުމުގެ ފައިދާ ނެގުން ކަމަށެވެ.