ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުނަށް ދޭ އިނާޔަތް ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ރައީސް ވިދާޅުވީ، މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ އަދަދާ ތަފްސީލް އެނގޭ ގައުމީ ދަފްތަރެއް ނެތް ކަމަށެވެ.

މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާ ރީހެބިލިޓޭޝަން އަދި ތެރަޕީއާ އެހެނިހެން ހިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަސީލަތް ކަމުގައިވާނެ ކަމަށެވެ.

މިދަފްތަރު ނިންމާ މިއަހަރުގެ ފަހު ކުއާޓާގާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ އިނާޔަތް ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިދަފްތަރު ނިންމާ މިއަހަރުގެ ފަހު ކުއާރޓާގާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް އަޅުގަނޑު ނިންމައިފިން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް

ރައީސް ވަނީ، ގައުމިއްޔަތުގެ މައިވަންތަ އުނގުގާ ކޮންމެ ދިވެއްސަކީ ވެސް ކުޅެދޭ ހަމަހަމަ ދިވެހި ދަރިއެއް ކަން ފާހަގަކުރައްވާފައެވެ.