ރާއްޖޭގައި މަސައްކަތް ކުރާ ރަނގަޅު ޑޮކްޓަރުން ބައިތިއްބަން ބޭނުންވާ ނަމަ ސަރުކާރުން ޑޮކްޓަރުންނަށް ހަމަޖައްސާފައިވާ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު އަދި އައިޖީއެމްއެޗްގެ މެޑިކަލް ސާވިސްގެ ޑިރެކްޓަރު ޑރ. ޔޫސުފް ސާން ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، ޑޮކްޓަރުންގެ މުސާރައިގެ މިންގަނޑަށް ބަދަލު ގެންނަން ޖެހެނީ ސަރުކާރުން ޑޮކްޓަރުން ނަގާއިރު މުސާރައިގެ ތަފާތު ކުރުންތައް ގެންގުޅެމުން އަންނާތީ ކަމަށެވެ. އެގޮތުން ކުރު މުއްދަތަށް ހިދުމަތް ދިނުމަށް ނަގާ ޑޮކްޓަރުންނަށް އާމްދަނީ ދެމުން އަންނަނީ "ބޮޑު މުސާރައިގެ ޗެކުން" ކަަމަށެވް އޭނާ ވިދާޅުވެއެވެ. އަދި މިއީ ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ދެމުން އަންނަ ޑޮކްޓަރުންގެ "މޫނުމަތީގައި ޖަހާ އެތިފަހަރެއް" ކަމަށް ސާން ވިދާޅުވިއެވެ.

ޕްރޮޓޮކޯލްސް އާއި އެތިކްސްއަށް ތަބާވާ، ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ދެމިތިބޭ، ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި އިންޖިނިއަރުން ފަދަ ޕްރޮފެޝަނަލް މަގާމުތަކުގައި ތިބޭ ސަރުކާރު މުވައްޒަފުންނަށް، ރައްޔިތުންގެ ފައިސާއިން ހޭދަ ކުރާ އިރު ވިސްނައިގެން ރަނގަޅު ގޮތުގައި ހޭދަ ކުރާނަމަ އެކަމުން ރައްޔިތުންނަށް ލާބައާއި މަންފާ ލިބިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

ޝާން މިހެން ވިދާޅުވި އިރު، މި ދުވަސްވަރަކީ ކޮވިޑްގެ ބިޔަ ރާޅެއް އަނެއްކާ ވެސް އައިސް ކޭސްތައް އިތުރުވެ، ސިއްހީ ދާއިރާގައި ހިދުމަތް ދެމުން އަންނަ މީހުން މަދުވެފައިވާ ދުވަސްވަރެކެވެ. ކޮވިޑް ކޭސްތައް ނެތް ނަމަވެސް އައިޖީއެމްއެޗުން ފަރުވާ ހޯދުމުގައި ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ނުލިބޭ މައްސަލައަކީ އާންމުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.

އައިޖީއެމްއެޗުގެ ގިނަ ޑޮކްޓަރުން ހޮސްޕިޓަލުގައި ދުވާލަކަށް ހައެއްކަ ބަލި މީހުން ބެލުމަށް ފަހު ޑިއުޓީ ބަހައިގެން ބޮޑު ފީގައި އަމިއްލަ އެތައް ކްލިނިކަކަށް ދެއެވެ. މިއީ އާންމުންގެ ޖީބަށް ބާރު ބޮޑުވެ، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ކިއު ދިގުވެގެން ދިއުމަށް ދިމާވާ ސަބަބެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އައިޖީއެމްއެޗުން ހިދުމަތް ހޯދުމަށް ކިއުގައި ޖެހި މަސް ދުވަހުން އަހަރު ދުވަހަށް މަޑު ކުރަން ޖެހޭ ފަހަރު އައިސްް އާންމުންގެ ފާޑުކިޔުން އަބަދުވެސް ސަރުކާރުން ހިންގާ އެ ހޮސްޕިޓަލަށް އަމާޒުވަމުން ދެއެވެ. މި ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރާ ކަމަށް އައިޖީއެމްއެޗުން ބުނި ކަމުގައި ވިޔަސް އެކަމަށް އެދެވޭ ހައްލެއް އަދިވެސް ހޯދިފައެއް ނުވެއެވެ.