ކޮވިޑް-19 ޖެހުމަށް ފަހު، ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ، "މަލްޓި ސިސްޓަމް އިންފްލެމޭޓްރީ ސިންޑްރޯމް" (މިސް-ސީ) ގައި ރާއްޖޭން ކުއްޖަކު މަރުވެފައިވާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އެކުއްޖާ މަރުވީ ސީދާ ކޮން ދުވަހަކު ކަން ފައިސަލް ވިދާޅެއް ނުވެއެވެ. މި ބަލި ޖެހުނު ކުދިން ފާހަގަ ކުރެވުނު މިންވަރު ހާމަ ކުރައްވަމުން ޑރ. ފައިސަލް ވިދާޅުވީ، މި ދިޔަ ޖޫން މަހުގެ ފަހުން މިހާތަނަށް އައި އިރު މިސް-ސީ ޖެހިގެން 19 ޖުއްޖަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ކުދިންތައް ދެނެގަނެވިފައި ވަނީ އޭޑީކޭ އާއި އައިޖީއެމްއެޗްގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުން އެއްކުރި މައުލޫމާތުން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މި ބަލީގައި ކުއްޖަކު މަރުވި ކަމަށް ޑރ. ފައިސަލް ވިދާޅުވި އިރު، މި ވަގުތު މި ބަލީގައި ފަރުވާ ދެމުންދާ ކުއްޖަކު އައިޖީއެމްއެޗްގައި ނެތް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އެގޮތުން އިއްޔެ ވަނީ މިބަލީގައި ފަރުވާ ހޯދަމުން ދިޔަ އެންމެ ފަހު ކުއްޖާ އައިޖީއެމްއެޗުން ޑިސްޗާޖް ކޮށްލާފައި ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މި ބަލި ޖެހެނީ ކޮވިޑް ޖެހުމަށް ފަހު ކުޑަކުދިންނަށެވެ. މި ބަލި 3 އަހަރާއި 10 އަހަރާ ދެމެދު އުމުރުފުރައިގެ ކުދިންގެ ގައިން ފެނިފައި ވާއިރު، މި ބަލި ކޮވިޑްގެ މުއްދަތުގެ ތެރޭގައި ވެސް ޖެހޭކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ. މިސްކް ޖެހޭ ކުދިން ކޮވިޑުން ރަނގަޅުވުމަށް ފަހު ގަދަ ހުމާ އެކު ކަރާއި ގައިގައި ރިއްސުމާއި ހޮޑުލުމާއި ލޭގެ ޕްރެޝަރު ދަށްވުމާއި އަތާއިފައި އަދި ހަށިގަނޑު ރަތްވެ ދުޅަވުމުގެ އިތުރުން އަތާއި ފައިން ހަން ފޮޅުން ފަދަ އަލާމާތްތައް ވެސް ފެންނަ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން މި ބަލި ޖެހުނީ އުމުރުން 3-11 އަހަރާ ދެމެދުގެ ކުދިންނަށެވެ. މި ބަލީގެ އެންމެ ބޮޑު އަލާމާތަކީ ގަދައަށް ހުން އައުމެވެ. ގާތްގަނޑަކަށް 39، 40 ޑިގްރީ ސެލްސިއަސްގައި މަދުވެގެން 3 ދުވަހާއި 5 ދުވަހާ ދެމެދުގެ މުއްދަތަކަށް ކުދިން ހުން އަންނަ ކަމަށް ޑރ ވިދާޅުވިއެވެ. ކުޑަކުދިންނަށް ވާތީ ބައެއް ފަހަރު ކޮވިޑަށް ޓެސްޓު ނުކޮށް ހުއްޓާ އޭގެ ފަހުން މި ބަލީގެ އަލާމާތްތައް ފެނި ޓެސްޓު ކުރާ އިރު މި ބަލި ޖެހިފައިވާ ކުދިންވެސް ފެނިފައި ވާކަން ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ބައްޔަކީ ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމުން އަލާމާތްތައް ފެނުމުން ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދަން ވާނެއެވެ. މި ބަލިން ރަނގަޅުވާން ގާތްގަނޑަކަށް އެއް ހަފްތާއާއި ދެ ހަފްތާގެ މުއްދަތެއް ނަގައެވެ.