ސްރީލަންކާގެ ރީޓެއިލް ބާޒާރުގައި ފުޅިފުޅީގައި ބަންދުކޮށްގެން ބޯފެން ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ ސީލިންގް ޕްރައިޒް އުވާލައިފިއެވެ.

ފުޅީގައި ބަންދު ކޮށްގެން ބޯފެން ވިއްކޭނެ އެންމެ މަތީ އަގު އުވާލާފައި ވަނީ، ކޮންޒިއުމާ އެފެއާޒް އޮތޯރިޓީގެ ގާނޫނުން، އެ އޮތޯރިޓީގެ ޗެއާމަން، މޭޖާ ޖެނެރަލް ރިޓާޔަޑް ޝަންތާ ޑިސަނަޔަކަށް ލިބިވަޑައިގެންފައިވާ ބާރުގެ ތެރެއިން، ޖެނުއަރީ 28، 2022 ވަނަ ދުވަހު ކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ސްރީލަންކާގައި ބަންދުކޮށްފައިވާ ފެންފުޅި ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާ، ގެޒެޓް ކުރީ ސެޕްޓެމްބަރު 2018 ގައި ކަމަށް ވާއިރު ޖެނުއަރީ 28 ވަނަ ދުވަހުގެ އިއުލާނާއެކު، ކުރީގެ ނިންމުން ބާތިލުވީ ކަމަށް ލަންކާ މީޑިއައިން ރިޕޯޓް ކޮށްފައިވެއެވެ.

ސްރީލަންކާގެ ކޮންޒިއުމާ އެފެއާޒް އޮތޯރިޓީއިން ބުނީ މިފަދަ ނިންމުމެއް ނިންމަން ޖެހުނީ، ސްރީލަންކާގައި ފެން ބަންދު ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ. މީގެ އިތުރުން، ފުޅީގައި ފެން ބަންދު ކުރުމަށް ބޭނުން ރޯ މެޓީރިއަލް އަގު ބޮޑުވުމުގެ ސަބަބުން، އެ ސިނާއަތުގެ ކުންފުނިތަކަށް ގެއްލުން ވެފައި ވާ ކަމަށްވެސް ކޮންޒިއުމާ އެފެއާޒް އޮތޯރިޓީއިން ވަނީ ހާމަ ކޮށްފައެވެ.