މުޅި ދުނިޔޭގައިވެސް މިވަގުތު ހުރި އެންމެ ޒުވާން ބިލިއަނަރު ކަމުގެ މަގާމު ނައިޖީރިއާއަށް ނިސްބަތްވާ މުހައްމަދު އައްވާލް މުސްތަފާ ހޯދައިފިއެވެ.

އުމުރުން އެންމެ 9 އަހަރުގެ އައްވާލް މި މަގާމު ހޯދާފައި ވާއިރު އޭނާގެ މިލްކިއްޔާތުގައި ޕްރައިވެޓް ޖެޓުތަކާ، އަމިއްލާ ކާރުތަކުގެ އިތުރުން ރީތި ހަވޭލީތަކާއި ގެތައް އެބަހުއްޓެވެ.

މޮމްފާ ޖޫނިއާގެ ނަމުން މަޝްހޫރު ވެފައިވާ މި ކުއްޖާއަށް އޭނާގެ އެންމެ ފުރަތަމަ ގެ، ލިބިފައިވަނީ އޭނާގެ އުމުރުން އެންމެ 6 އަހަރުގައެވެ. އެ ގެއަކީ ނައިޖީރިއާގެ މަލްޓިމިލިއަނަރު އަދި އައްވާލްގެ ބައްޕަ މޮމްފާ، އޭނާއަށް ދިން އުފަންދުވަހުގެ ހަދިޔާއެކެވެ.

އޭރު މޮމްފާ ބުނެފައި ވަނީ މި ގެއާއެކު ދަރިފުޅަށް ދަތި އަދި އުނދަގޫ ހާލަތެއް ޖެހުން ނަމަވެސް ވަންނާނެ ހިޔާވައްސެއް ހުރިކަން ޔަގީން ވެއްޖެ ކަމަށެވެ. އަދި އެ ގެއަކީ އަބަދުވެސް އައްވާލަށް މަރުހަބާ ކިޔާނެ، އޭނާގެ އަމިއްލަ ތަނެއް ކަމަށެވެ.

އައްވާލްގެ މިލްކިއްޔާތުގައިވާ މިހުރިހާ ތަކެއްޗާއެކު އޭނާ މިވަނީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ބިލިނިއަރު ކަމުގެ މަގާމު ހޯދާ ދުނިޔޭގެ ރިކޯޑު ފޮތުން ވެސް ޖާގަ ހޯދާފައެވެ.

މި ރިކޯޑާއެކު އައްވާލްއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވާއިރު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ވެސް އައްވާލު ވަނީ ޖާގަ ހޯދާފައެވެ. އެގޮތުން އިންސްޓަގްރާމްގައި އޭނާއަށް ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ 25 ހާހުން މައްޗަށް އަރާފައެވެ.