ހުޅުމާލެއަށް ދެވޭ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް އެކްސިޑެންޓްވެ ކާރު ތެރޭގައި ތިބި ދެމީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 9:40 ގައި ކަމަށެވެ. މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ހުޅުމާލެއިން މާލެއަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭގައި ޖަހާފައިވާ ފެންސްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

މި ކާރު އެކްސިޑެންޓްގައި ކާރުގައި ތިބި ދެމީހަކަށް އަނިޔާ ވެފައި ވާ އިރު އެއީ އަންހެނަކާއި ފިރިހެނެއް ކަމަށާއި އެ ދެމީހުންނަށް ވެސް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެ ދެމީހުންނަށް ލިބުނީ ކޮން އަނިޔާއެއް ކަމާއި އެމީހުންގެ ހާލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި އެކްސިޑެންޓް ދަނީ އިތުރަށް ބަލައި ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.