ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އައިޖީއެމްއެޗްގެ ލެބޯޓްރީ އޯޕީޑީ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.
އައިޖީއެމްއެޗުން ބުނީ، މާދަމާއިން ފެށިގެން ފެބްރުއަރީ 05 ގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ލެބޯޓްރީއިން ލޭ ނެގުމުގެ ހިދުމަތް ދެމުން ގެންދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެނދުރު 12:00 އާ ހަމައަށް ކަމަށެވެ.
މީގެ އިތުރުން ދުވާލަކަށް ނަންބަރު ދޫކުރެވޭނީ އޮންލައިން ކޮށް 100 ނަންބަރު އަދި ހޮސްޕިޓަލަށް ދިޔުމުން 100 ނަންބަރު ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްއެޗުން ވަނީ ގެނައި ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
އައިޖީއެމްއެޗުން މިމަހު 20 ވަނަ ދުވަހު ވަނީ 2 ހަފްތާއަށް ރޫޓީން (ދުރާލާ ތާވަލު ކޮށްގެން ހަދާ) ސާޖަރީތައް މެދުކަނޑާލާފައެވެ. އައިޖިއެމްއެޗުން ބުނީ، ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް މި ސާޖަރީތައް ހަދަން ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ނަމަވެސް ހޮސްޕިޓަލުގެ އިމަޖެންސީ (އީއާރް) ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާއިރު އިއްޔެ ވެސް ވަނީ މިބައްޔަށް 2510 މީހުން ޕޮޒިޓިވް ވެފައެވެ. އެއީ މާލެ ސަރަހައްދުން 1203 މީހަކާއި، އަތޮޅުތެރެއިން 788 މީހަކާއި ރިސޯޓްތަކުން 41 މީހެކެވެ.
މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަވަމުން އަންނާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށިކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.