ކޮވިޑް 19 ގެ ހަތަރު ވަނަ ރާޅެއް ބިންދާލާފައިވާ މި ދަނޑިވަޅުގައި ބޫސްޓާ ޑޯޒް ޖަހަމުން އަންނައިރު ލޭ ލިބުން ދަތިވެފައިވާ ކަމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން ބުނެފިއެވެ.
ރާއްޖޭގައި ދިރިއުޅޭ ގިނަ ތެލެސީމިއާ ކުދިން އެމްބީއެސްއަށް ބަރޯސާވެފައި ވާއިރު އެތަނުގެ ރަޖިސްޓްރީގައި 870 އަށް ވުރެ ގިނަ ކުދިން ތިބެއެވެ.
އެމްބީއެސްއިން މިއަދު ބުނީ މާލެ ސަރަހައްދުގައި ކޮވިޑް 19 ގެ ކޭސްތައް އިތުރުވުމާއެކު ލޭ ލިބުން ދަތިވަމުން އަންނަ ކަމަށެވެ. އަދި ފުރާނައެއް ސަލާމަތް ކުރުމަށްޓަކައި ނިކުމެ ލޭ ހަދިޔާ ކުރުމަށް އެ ސާވިސްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ކޮވިޑު ވެކްސިން ޖެހުމަށްފަހު 3 ދުވަސްފަހުން ރަނގަޅު ކަމަށް ވަނީނަމަ ލޭ ދެވޭނެ ކަމަށެވެ.
ކޮވިޑް 19 އަށްފަހު ލޭ ލިބުން ދަތިވެ އެމްބީއެސްއިން މީގެކުރިންވެސް ވަނީ ލޭ ހޯދުމަށް އެހީވުމަށް އެެދިފައެވެ.
ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން އިރުއޮއްސި 6:30 ވަންދެން އެމްބީއެސްގައި ލޭ ހަދިޔާ ކުރެވޭނެއެވެ.
ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާތީ ތެލެސީމިއާ ސެންޓަރުން އިސް ނަގައިގެން އަންނަނީ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނުތައް ކުރިޔަށް ގެންދަމުންނެވެ. އަދި އެމްބީއެސް އިން ވެސް އަންނަނީ ތަފާތު އެކި ކޭމްޕްތައް ބާއްވަމުންނެވެ.