މިދިޔަ އާދީއްތަ ދުވަހު ކުއްލި ގޮތަކަށް ނިޔާވި ވެބް ޑިވެލޮޕަރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ގެ ޣައިބުގައި ކުރާ ކަށުނަމާދު މާދަމާ އިސްލާމީ މަރުކަޒުގައި ކުރުމަށް ނިންމައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ޑާޑިގެ ޖަނާޒާ މެލޭޝިޔާގައި ބާއްވާފައިވާއިރު، މާދަމާ ރާއްޖޭގައި ޑާޑިގެ ޣައިބުގައި ކުރާ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ޑާޑި ނިޔާވެފައި ވަނީ، މެލޭޝިއާގައި ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ޖަހާ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖެހުމަށް ފަހު ނިދާލާ ތެދުވެ ކަސްރަތަށް ނިކުމެ އުޅެނިކޮށް ވެއްޓިގެންނެވެ.

ޑާޑި ގެ ހަނދާނުގައި މިހާރު އޮންލައިން ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައިވާއިރު އޭނާ އާ ގުޅޭ ގޮތުން ފާޅުކުރާ ޝުއޫރުތައް ޕްރިންޓްކޮށް ފޮތެއްގެ ގޮތުގައި އޭނާގެ އާއިލާއާއި ހަވާލުކުރަން ވަނީ ނިންމާފައެވެ.

ޑާޑި ނިޔާވިއިރު އޭނާ ހުރީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަން އުފައްދާ ލޮޓީފައިލްގެ ޕްރޮޑަކްޓް ލީޑްގެ މަގާމުގައެވެ. އޭގެ އިތުރުން، ސްޓާޓްއަޕްތަކަށް އެހީތެރިވުމަށް އުފައްދާފައިވާ ސްޕާކްހަބްގެ ކޯ ފައުންޑަރަކީވެސް އޭނާއެވެ.

އޭނާ ވަނީ އެލައިޑްގައި މަސައްކަތްކުރެއްވި އިރު ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" ތައާރަފު ވެސް ތައާރަފު ކުރައްވާފައެވެ.