މިދިޔަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލް އިން ބުނީ މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސް އަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 1.7 ބިލިއަށް ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިއީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކޮށްފައިވާ ނޭދެވޭ އަސަރާއެކު ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ހޯދައި، އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުން އަންދާޒާ ކުރެވުނު ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ދައްކަންޖެހި ނުދައްދާ އޮތް ލޯނަކަށް ތިންވަނަ ކުއާޓާގައި އެއްފަހަރާ ލިބުނު ފައިސާ ހިމެނޭހެން ހޯދުނު ނަތީޖާއެއް ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ނިމިގެންދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު މިއީ ބޭންކުގެ ތާރީހުގައި މިހާތަނަށް އެެންމެ ބޮޑު ކާމިޔާބެއް ހޯދުނު އަހަރު ކަމަށެވެ. މިގޮތުން ކޮވިޑްގެ ހާލާތާ ގުޅިގެން ހިންގުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިވިކަމުގައި ވީނަމަވެސް، 2021 ވަނަ އަހަރު ވިޔަފާރިން ހަރުދަނާ ނަތީޖާއެއް ހޯދިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ ބީއެމްއެލްގެ ޓީމުތަކުން ވަރުބަލިކަމެއްނެތި ކުރި ބުރަމަސައްކަތު ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޓިމް ސޯޔާ އިތުރަށް ވިދާޅުވީ، ބީއެމްއެލްއިން ދޫކުރާ ލޯނުގެ ނިސްބަތް އިރުތުވެފައިވާ ކަމަށާއި އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ރަނގަޅުވެ 2.5 ޕަސަންޓްގައި ހިފެހެއްޓިފައިވާ ކަމަށެވެ.
މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 3.3 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދަކަށް އާ ލޯނު ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ބީއެމްއެލް އިން ބުނީ މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށާއި އަދި ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 5.3 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.