އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރު އެޅި ހަނގުރަމަވެރި ތޯލިބާން ޖަމާއަތުން، އަންހެނުންނާއި ކުޑަކުދިންގެ އަސާސީ ހައްގުތައް ނެގެހެއްޓުމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވައިފިއެވެ.

ހަމަ މި މޭރުމުން ގުޓެރޭޒް ވަނީ ކާބޯތަކެތި ހޯދުމަށްޓަކާ އާއިލާތަކުން ޅަ ދަރިން ވިއްކާލަން ޖެހުނަ ނުދިނުމުގެ ގޮތުން، ފްރީޒް ކޮށްފައިވާ އަފްގާނިސްތާނުގެ އެހީއަށް ދޫ ދިނުމަށްވެސް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

އަފްގާނިސްތާނުގެ މިވަގުތީ އޮތި ރޮދިފަށެއްހާ ލުއި އެއްޗެއްގެ ބާރުގައި 'އެލިފައި" ކަމަށް ސިފަކުރައްވާ، ގުޓެރޭޒް ވަނީ އިންޒާރު ކުރައްވާފައެވެ. އަފްގާނިސްތާނުގެ އިންސާނީ ހާލަތު އިންތިހާއަށް ދަށްވަމުން ދާ އިރު، އެތައް މިލިއަން ބަޔަކު ދިރިއުޅެމުން ދަނީ އިންތިހާ ދަތި ހާލުގައެވެ.

އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ރިޒާވުން ގާތްގަނޑަކަށް 9.5 ބިލިއަން ޑޮލަރު ވަނީ އެ ގައުމުން ބޭރުގައި ފްރީޒް ކޮށްފައެވެ. އަދި އޯގަސްޓް 2021 ގައި އަފްގާނިސްތާނުގެ ވެރިކަން، ތޯލިބާނުން ނެގި ފަހުން، ބައިނަލްއަގުވާމީ އެހީ ލިބުންވަނީ މުޅިންހެން މެދުކެނޑިފައެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ގުޓެރޭޒް ވަނީ، ވަގުތުގެ ބޭނުން ހިފާ، ބައިނަލްއަގުވާމީ އިތުބާރު ހޯދާ، އިންސާނީ ހައްގުތައް ނަގަހައްޓައިގެން މިކަންކަން ހާސިލު ކުރުމަށް ތޯލިބާނުންނަށް ގޮވާލައްވާފައެވެ.

އަފްގާނިސްތާނުގެ ރައްޔިތުންގެ ތެރެއިން 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަށް، އިންތިހާ ބަނޑުހައިހޫނުކަން ކުރިމަތިވެފައި ވާ ކަމަށްވެސް ގުޓެރޭޒް ވިދާޅުވިއެވެ. އަދި ބައެއް އާއިލާތަކުން، ކާބޯތަކެތި ގަތުމަށް ފައިސާ ހޯދުމުގެ ގޮތުން، އެ އާއިލާތަކުގެ ތުއްތު ކުދިން ވިއްކަމުން ދާ ކަންވެސް ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ފައިސާ ހޯދުމަށްޓަކާ އަންހެނަކު އޭނާގެ 2 އަންހެން ދަރިންނާއި، ކިޑްނީ ވިއްކާލި ވާހަކައެއް، ޗައިނާގެ ސަފީރު ޝާންގް ޖުންވެސް ވަނީ ފާހަގަ ކުރައްވާފައެވެ. މިއީ އިންސާނީ ކާރިސާއެއްކަން ފާހަގަ ކުރައްވާ، ޗައިނާގެ ސަފީރު ވަނީ އެމެރިކާއިން އަފްގާނިސްތާނާ ދެކޮޅަށް ތަންފީޒު ކުރަމުން ދާ ފިޔަވަޅުތައް އުވާލާ، ފްރީޒް ކޮށްފައި ވާ އަފްގާނިސްތާނުގެ އެސެޓްތައް ދޫ ކުރުމަށް ގޮވާލައްވާފައެވެ.

ބޮޑުވެގެންވާ އިންސާނީ ކާރިސީ ރާޅެއް އަފްގާނިސްތާނަށް ބިންދާލަމުން ދާ އިރު، ތޯލިބާނުންގެ އޮފިޝަލުން ވަނީ ވެރިކަން ނެގި ފަހުން ފުރަތަމަ ފަހަރަށް، ބައިނަލްއަގުވާމީ މުޖުތަމައުގެ އިސް މެންބަރުންތަކަކާ ބައްދަލު ކޮށްފައެވެ. ނޯވޭގައި ކުރިއަށް ދިޔަ މި ބައްދަލުވުންތަކާ ބެހޭ މާ ބޮޑު ތަފްސީލެއް، މީޑިއާއަށް އަދި ތިލައެއް ނުވެއެވެ.