ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސިފައިންގެ ފްލެޓްތައް ކުރިމަތީ އޮތް ހުސް ބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އަށް ލިބިފައި ވަނީ ރޭ 10:29 ހާއިރު ކަމަށެވެ.

އަލިފާން ރޯވެފައި ވަނީ އެ ސަރަހައްދުގައި ހުރި ހިކި ގަސްތަކެއްގައެވެ. އެ ގަސްތަކުގައި އަލިފާންގަނޑު ވަރަށް ބޮޑަށް ހިފާފައި ފެތުރުނެވެ.

ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އަލިފާން ނިއްވާ އުޅަނދުތައް ހަރަކާތްތެރިވެ މިރޭ 12 ޖަހަނިކޮށް ވަނީ އެއްކޮށް ނިއްވާލާފައެވެ.

މި އަލިފާންގަނޑު ރޯވާން ދިމާވީ ކޮން ސަބަބަކާ ހުރެ ކަމެއްކަން ނޭނގުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.