ރައްޔިތެއްކަން އަންގައިދޭ ކާޑު ޑިޖިޓަލް ވާ ހިސާބުން، އަމާޒަކީ، އެ ގައުމުގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވޮލެޓެއް ދިނުން ކަމަށް، ސްރީލަންކާގެ މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް އަދި މިނިސްޓާ އޮފް ޑިވަލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގް އަދި ސްޓޭޓް މިނިސްޓާ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަޕްރައިޒް ޑިވަލޮޕްމަންޓް، ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ނަމާލް ވިދާޅުވީ ޑިޖިޓަލް ވޮލެޓަކީ، ކޮންމެ މީހެއްގެ އެންމެ މުހިންމު ލިޔެކިއުންތައް ކަމުގައިވާ ޕާސްޕޯޓް، އުފަންދުވަހުގެ ސެޓްފިކެޓް، ކައިވެނީގެ ސެޓްފިކެޓް އަދި އިމްތިހާނުތަކުގެ ސެޓްފިކެޓްތައް ފަސޭހަ ކަމާއެކު، މޯބައިލް ފޯނުގައި ރައްކާ ކޮށް، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދޭނެ ޓެކްނޮލޮޖީއެއް ކަމަށެވެ.

ނަމާލް މި މޭރުމުން ވާހަކަދައްކަވާފައި ވަނީ، "ލަންކާ ކިއުއާރް ކޯޑް" ބޭނުން ކޮށްގެން، މޯބައިލް ފޯނުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާ، އެ ގައުމުގެ މަރުކަޒީ ބޭންކުން ތައާރަފުކުރި ޓެކްނޮލޮޖީ އިފްތިތާހް ކޮށްދެއްވަމުންނެވެ.

ނަމާލް އިތުރަށް ވިދާޅުވީ، 2025 ވަނަ އަހަރު ނިމޭއިރު ސްރީލަންކާގެ ސަރުކާރުގެ މުއައްސަސާތައްވެސް ޑިޖިޓަލައިޒް ކުރެވޭނެ ކަމަށެވެ. މި ރޮނގުން މިހާރުވެސް އެ ގައުމުގެ ސަރުކާރުން ވަނީ ކާމިޔާބީތަކެއް ހާސިލު ކޮށްފައެވެ.

ސްރީލަންކާގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވޮލެޓް ފޯރުކޮށްދިނުމަށް އެ ގައުމުން ހިފާފައި ވާ އަމާޒުގެ ދަށުން، މި މަޝްރޫއު ފުރިހަމަ ކޮށް ނިމޭނީ 30 މަހެއްހާ ދުވަހުގެ ތެރޭގައި ކަމަށް ލަފާ ކުރެވެއެވެ.

މި ދަނޑިވަޅަކީ އިގުތިސޯދީ އަދި މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ސްރީލަންކާއަށް ކުރިމަތިވެފައި ވާ ދަނޑިވަޅެއް ނަމަވެސް، އެ ގައުމުން ދަނީ މި އަޑިގުޑަންގަނޑުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.