މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ދައުވާ ކުރާ ފުރަތަމަ މައްސަލައިގައި ދައުވާ އުފުލާފައިވާ 4 މީހުންގެ ޝަރީއަތް މިއަދަށް ތާވަލު ކޮށްފިއެވެ.
މި މައްސަލައިގެ ޝަރީއަތް އޮތި ހެނދުނު 10:30 ގައެވެ.
މި މައްސަލައިގައި ދައުވާ ކުރާ ހަތަރު މީހުންނަކީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފާއި، މއ. ހަސްލަތު، ޝާނިޔާ އިބްރާހީމެވެ. އެމައްސަލައިގައި އެމީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ވަނީ އުފުލާފައެވެ.
އިސްމާއިލް ޝަރީފް އާއި ޝާނިޔާ އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނު (2011/17) ގެ 105 ވަނަ މާއްދާ އާއި 114 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އިތުރުން މަނީލޯންޑަރިން އާއި ޓެރަރިޒަމް އަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު (2014/10) ގެ 5 ވަނަ މާއްދާގެ ދަށުން މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާބެހޭ ގާނޫނު (2011/17) ގެ 108 ވަނަ މާއްދާގެ ދަށުން ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (2014/9) ގެ 613 ވަނަ މާއްދާގެ ދަށުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވަނީ އިސްމާއިލް ޝަރީފްގެ މައްޗަށް އުފުލާފައެވެ.
ހަސަން ރަޝީދާއި ހަސަން ލޫތްގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ގާނޫނު (2011/17) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި އެ ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަނީލޯންޑަރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (2014/10) ގެ 5 ވަނަ މާއްދާގެ ދަށުން މަނީލޯންޑްރިންގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.
މީގެ އިތުރުން ހަސަން ރަޝީދުގެ މައްޗަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު (2011/17) ގެ 116 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ދައުވާ އުފުލާފައި ވާއިރު ހަސަން ލޫތުގެ މައްޗަށް ވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނު (2011/17) ގެ 114 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައެވެ.
އެ މައްސަލާގައި ފުލުހުން ބަލާ ފާސްކުރި ތަންތަނުން ޖުމްލަ 1،542،675 ރުފިޔާ ފެނިފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުގައި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ، އެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ އެކައުންޓްތަކާއި، އެމީހުންނާ ގުޅުން ހުރި އެކައުންޓްތަކުގައި ދައުރު ކޮށްފައިވާ ކަން ހޯދިފައިވާ ވާ ކަމަށް ޕީޖީއިން ވަނީ ބުނެފައެވެ.