އޭޓީއާރު މަރުކާގެ ތިން ފްލައިޓެއް ގަތުމަށް މޯލްޑިވިއަނުން ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް، އެ ފްލައިޓްތައް ގަތުމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފްރާންސްގެ އޭޓީއާރު ކުންފުންޏާ އެކު ފްލައިޓްތައް ގަތުމުގެ އެއްބަސްވުމުގައި މޯލްޑިވިއަނުން ސޮއިކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. އެ އެއްބަސްވުމުގައިވާ ގޮތުން މޯލްޑިވިއަންގެ ފްލީޓަށް އިތުރު ކުރަނީ އޭޓީއާރު މަރުކާގެ 600-72 ގެ ދެ ބޯޓާއި 42-600 ގެ އެއް ބޯޓެވެ.

ފްލައިޓްތައް ގަތުމަށް މިދިޔަ ހުކުރު ދުވަހު މޯލްޑިވިއަނުން ކުރި އިއުލާނުގައި ފްލައިޓްތައް ގަންނަން ބޭނުންވާ އަގުތަކާއި، ފްލައިޓްތައް ގެނެވޭނެ ކަމަށް ލަފާކުރެވޭ ތާރީހުވެސް ހާމަކޮށްފައި ވެއެވެ. އެގޮތުން، އެ އިއުލާނުގައިވާ ރިކުއެސްޓް ފޯ ޕްރޮޕޯސަލްގައިވާ ގޮތުން، އެ ތިން ފްލައިޓަށް 46.5 މިލިއަން ޑޮލަރު (863.5 މިލިއަން ރުފިޔާ) ހަރަދު ކުރާނެއެވެ.

އެ ތިން ފްލައިޓްގެ ތެރެއިން އޭޓީއާރު މަރުކާގެ 600-72 ދެ ފްލައިޓް އަންނަ އޮކްޓޯބަރުގައި ގެންނަން ޝެޑިއުލް ކޮށްފައި ވާއިރު، އޭޓީއާރު މަރުކާގެ 600-62 ގެ ފްލައިޓް ގެންނަން ޝެޑިއުލް ކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހަށެވެ.

ފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަނުން ތިން ގޮތެއް ހުށަހަޅާފައި ވެއެވެ. އެ ގޮތްތަކަކީ:

  • ލޯނެއް ހަމަޖައްސައިދިނުން
  • ސޭލް އެންޑް ލީސްބެކް ފެސިލިޓީއެއް ހުށަހެޅުން
  • ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައިދިނުން

މޯލްޑިވިއަނުން ބުނީ، ފައިނޭންސިން ހަމަޖައްސައިދޭން ބޭނުންވާ ފަރާތްތަކުން މިމަހު 28 ގެ ހަވީރު 4 ގެ ކުރިން އެކަން އެންގުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ގެންނަ އޭޓީއާރު މަރުކާގެ މި ފްލައިޓްތަކާ އެކު ތެލަށް ކުރާ ހޭދަ ތިން ޕަސެންޓު ކުޑަ ވާނެ ކަމަށާއި، ބޯޓުތަކުގެ އިންޖީނުގެ މެއިންޓަނެންސަށް ކުރާ ހަރަދު 20 ޕަސެންޓު ކުޑަ ވާނެ ކަމަށް އޭޓީއާރުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުންޏެވެ.

މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، މިއީ މޯލްޑިވިއަންގެ ފްލީޓް ބޮޑު ކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، އާ ފްލައިޓްތައް ބޭނުންކުރަން ފެށުމުން، ކުންފުނީގެ ހަރަދުތައް ކުޑަވެ، ފަސިންޖަރުންނަށް ފަސޭހަ ކަމާއެކު ހިދުމަތްތައް ދެވޭނެ ކަމަށެވެ.

މޯލްޑިވިއަނުން ވަނީ އެ އެއާލައިންގެ ބައެއް ބޯޓުތައް މަރާމާތު ކުރުމަށް ގްރައުންޑު ކޮށްފައި އޮތުމުން، ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި އަމިއްލަ ބައެއް އެއާލައިންގެ ބޯޓުތައް ޗާޓަރު ކޮށްފައެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު ހިމެނެނީ ޑޭޝް-8 މަރުކާގެ ދެ ބޯޓާއި އެއާބަސް މަރުކާގެ ދެ ބޯޓެވެ.