ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދު އައް ތާއިދުކުރަން އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތުން ނިންމި ނަމަވެސް އެކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީއިން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރި އިރު މިއަންނަ އަންގާރަ ދުވަހު އެ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރާޝިދުގެ ކެމްޕެއިންނަށް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް ރާޝިދުއަށް ތާއީދުކުރަން ނިންމީ ވަކި ކޮން ސަބަބަކާ ހުރެ ކަމެއް ޖޭޕީއިން ހާމައެއް ނުކުރެއެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ގާސިމް ނިންމަވާފައި މިވަނީ ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދުމަށް ސަރުކާރުން ވަރުގަދަ ކެންޕެއިނެއް ހިންގަމުން ދަނިކޮށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅިގެން އަދާލަތު ޕާޓީީއިން ބުނީ ރައީސް ސޯލިހުގެ ސަރުކާރުގައި އަމާން ސުލްހަވެރި މުޖުތަމައެއް ގާއިމުކޮށް ސިޔާސީ ހަލަބޮލިކަން ކުޑަކޮށް ކޮވިޑް 19 ގެ އާލަމީ ވަބާއާއިއެކު މެދުވެރި އިގުތިސާދީ ދަތިތަކަކާ އެކުވެސް ރާއްޖޭގެ އިގުތިސާދު ހަރުދަނާކޮށްފައިވާ ކަމަށާއި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެ ކަމަށް ފާހަގަކުރެވި ރައީސް ސޯލިހުގެ އަރިހުގައި އެ ޕާޓީން ކަންބޮޑުވުން ފާޅު ކުރި ކޮންމެ ކަމެއްގައި ވެސް މިއަދާއި ހަމައަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ރައީސް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އަދާލަތުން ބުނީ މި ސަރުކާރުން އަންނަނީ ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމުކޮށް އަމާން ވެއްޓެއް ކަށަވަރު ކުރުމަށް ހަރުދަނާ މަސައްކަތެއް ކުރައްވަމުން ކަމަށާއި މުޖުތަމައަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައާއި ގޭންގު ކުށްތައް ހުއްޓުވުމަށް މިހާތަނަށް ދައުލަތުން މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

އަދާލަތުން ރަސްމީކޮށް ތާއިދުކުރާނެ ކެންޑިޑޭޓް ހާމަކޮށްފައި ވާއިރު، އެ ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓަރަށް ހުންނެވި ޑރ. އަހުމަދު ޒާހިރު އަލީ ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮމަންޑޫ ބައި އިލެކްޝަންގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ކެނޑިޑޭޓަށް ތާއިދު ކުރުމަށް އަދާލަތުން ނިންމިއިރު، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޝައިހު އަލީ ޒައިދު ވަނީ އެމްޑީޕީ އިސްވެ އުފައްދާފައި އޮތް ސަރުކާރުގެ ފަރާތުން ފެންނަ އިސްލާމް ދީނާއި ހިލާފު ކަންކަމުގެ ސަބަބުން މި އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދޭން ވެސް ގޮވާލާފައެވެ.

ކޮމަންޑު ދާއިރާގެ އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު ސަރުކާރުން ވަނީ އެ ދާއިރާގައި މިއަހަރު ގިނަ މަޝްރޫއުތަކެއް ފެށުމަށް އިއުލާންކޮށްފައެވެ. އެ ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އެމްއާރްއެމްއިން ބުނީ އިންތިހާބުތަކާ ގުޅުވާ ރައްރަށާއި ދާއިރާތަކަށް އަމާޒުކޮށްގެން އެކިއެކި މަޝްރޫއުތައް ހިންގުމާއި ކެންޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި އިލެކްޓްރޯނިކް ސާމާނާއި ނަގުދު ފައިސާ އަދި ހައްޖާއި އުމްރާ ދަތުރާއި މަތީ ތައުލީމުގެ ފުރުސަތުތައް ފަދަ "ހަދިޔާ" ރައްޔިތުންނަށް ދިނުމުގެ އިތުރުން ވަޒީފާ އާއި އަސާސީ އެހެނިހެން ހިދުމަތްތަކަށް ނޫފޫޒު ފޯރުވާ ބިރު ދެއްކުމާއި އަދި އައިޑީ ކާޑު ފޮރުވުން ފަދަ ކަންކަމަކީ އިންތިހާބުގެ މާނަ އޮޅޭފަދަ މިންވަރަށް ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި ހިނގާފައިވާ ކަންކަން ކަމަށެވެ.

އެމްއާރްއެމް އިން ބުނީ މިފަދަ އަމަލުތަކުގެ ނިވަލުގައި ކުރާ ކެމްޕޭނުގެ ނަތީޖާއަކަށް ގިނަ ފަހަރު ވެގެން ގޮސްފައިވަނީ އިންތިހާބުގެ ނަތީޖާއާ މެދު ރައްޔިތުން ސުވާލު އުފެއްދުމާއި ނާގާބިލު ފަރާތްތައް މަގާމުތަކަށް އިންތިހާބުވުން ކަމަށެވެ.

ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުންންނާއި އެ ކެނޑިޑޭޓުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީތަކާއި އެ ކެނޑިޑޭޓުންނަށް ކެންޕެއިން ކުރާ ފަރާތްތަކުންވެސް އިންތިގާބާ ބެހޭ ގާނޫނާއި އަދި އެހެނިހެން ގާނޫނުތަކާ ހިލާފު ނުވާނޭހެން ކެންޕެއިން ކުރުމަށާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ވަނީ ގޮވާލާފައެވެ. އަދި އިންތިހާބުގައި ވޯޓު ދޭއިރު ނުފޫޒާއި ފިއްތުންތަކަށް ބޯ ނުލަނބައި ގާނޫނުން ކަށަވަރު ކޮށްދީފައިވާ އަމިއްލަ އިހްތިޔާރުގައި ވޯޓު ލުމުގެ ހައްގު އަމާނާތްތެރިކަމާއެކު ބޭނުން ކުރުމަށް އެމްއާރްއެމުން ވަނީ ގޮވާލާފައެވެ.

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އެފަދަ ޝަކުވާއެއް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންްސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީއެވެ. އަދި ފޯރި ގަދަ ކެމްޕެއިން ހަރަކާތްތަކެއް އެ ދާއިރާގައި ހިމެނޭ ފޯކައިދޫ، މަރޮށި އަދި ކޮމަންޑޫގައި ކުރިއަށްދާއިރު އެ ޕާޓިތަކުގެ އިސްވެރިން އަންނަނީ އެ ހަރަކާތުގައި ބައިވެރިވަމުންނެވެ.