ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް، ޕާކިސްތާނުގެ އެއްބާރުލުން ލިބެމުން ދާ ކަމަށް، ދާދި ފަހުން އާންމު ކުރި ރިޕޯޓެއް ބުނެފިއެވެ.

ޕާކިސްތާނުގައި ޗައިނައިން ހިންގަމުން ދާ އިގުތިސޯދީ ހަރަކާތްތައް އިތުރު ކުރުމާ، ޕާކިސްތާނުގައި ޗައިނާގެ ފިޔަވަޅުތިޔަ ވަރުގަދަ ކުރަމުން ދާ ދިއުމަކީ، އެއް ގައުމަށް ވުރެ ގިނަ ގައުމު ބައިވެރިވެގެން ޖަރީމާ ހިންގުމުގެ ފުރުސަތު، ޗައިނާއަށް ފަހި ކޮށްދޭ ކަމެއް ކަމަށް، ކެނެޑާގެ ތިންކްޓޭންކެއް ކަމަށް ވާ އިންޓަނޭޝަނަލް ފޯރަމް ފޮ ރައިޓްސް އެންޑް ސެކިއުރިޓީ (އިފްރާސް) ގެ ރިޕޯޓްގައި ވަނީ ސިފަ ކޮށްފައެވެ.

ރިޕޯޓްގައި ފާހަގަކޮށްފައި ވާ މިފަދަ އެއް މައްސަލައަކީ، ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުން ދާ ވީގޫރު މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ މައްސަލައެވެ. ޕާކިސްތާނަކީ މުސްލިމުންނާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތަކާ މެދު އާންމު ގޮތެއްގައި ކަންބޮޑުވުން ފާޅު ކުރާ ގައުމެއް ކަމަށާ، ނަމަވެސް ޝީންޖިއާންގްގެ މުސްލިމުންނަށް ފިއްތުންތައް ކުރިމަތިކުރުމުގައި ޕާކިސްތާނުން ދަނީ ހަރަކާތްތެރި ދައުރެއް އަދާ ކުރަމުން ކަމަށްވެސް އިފްރާސްގެ ރިޕޯޓްގައި ވެއެވެ.

އެގޮތުން، ޕާކިސްތާނުގައި ކިޔަވަމުން ދިޔަ ވީގޫރު ދަރިކޮޅުގެ 14 ކުއްޖަކު ގައުމުން ޑީޕޯޓްކޮށްލި މައްސަލަ އިފްރާސްއިން ފާހަގަ ކޮށްފައި ވެއެވެ. މި 14 ދަރިވަރުންނަކީ، ޓެރަރިސްޓުން ކަމަށް ޗައިނާއިން ތުހުމަތު ކޮށްފައިވާ ކުދިންތަކެކެވެ. ޕާކިސްތާނުން މި ކުދިން ހަވާލު ކުރީ ޗައިނާގެ ކަމާ ބެހޭ ފަރާތްތަކާ ކަމަށް ވާއިރު، ޗައިނާއިން މިހާރު ވަނީ މި ކުދިންތައް މަރާލާފައެވެ.

މިއީ މި ފަހަކުން ހިނގަން ފެށި ކަމެއް ނޫން ކަމަށާ، 2010 ވަނަ އަހަރުވެސް ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސުން، ވީގޫރު ދަރިކޮޅުގެ މައުސޫމު 5 މީހަކު ޗައިނާއަށް ޑީޕޯޓް ކުރި ކަމަށް މައުލޫމާތު ލިބެއެވެ. މި 5 މީހުންނަކީ ޓެރަރިސްޓް އެއްވެސް ޖަމާއަތަކާ ގުޅުން އޮތް ބައެއް ނޫން ކަމަށް އިފްރާސް އިން ބުނެއެވެ.

ޗައިނާގައި ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާ ހިންގާ، ގަތުލުއާންމުވެސް ހިންގަމުން އަންނަ ކަމަށް، އިންސާނީ ހައްގުތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރަމުންދާ އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ. މިކަމުގެ ހެކިވެސް ބައެއް ފަރާތްތަކުން އާންމު ކޮށްފައި ވާ އިރު، މި ތުހުމަތުތަކަށް ޗައިނާއިން އިންކާރު ކުރެއެވެ.