އަވަށްޓެރި ސްރީލަންކާގެ ބާޒާރުގައި ތަކެތީގެ އަގު އުފެލެމުން ދާ މިންވަރު ނުވަތަ ނޭޝަނަލް ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (އެންސީޕީއައި) އުފުލިފައި ވާ ކަމަށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސްއިން މިއަދު ބުނެފިއެވެ.

ނޮވެމްބަރު 2021 ގައި ސްރީލަންކާގެ އެންސީޕީއައި 11.1 ޕަސެންޓްގައި ހުރި އިރު، ޑިސެމްބަރު 2021 ގައި މި އަދަދު ވަނީ 14.0 ޕަސެންޓް އިތުރު ވެފައެވެ.

ޑިސެމްބަރު 2020 އާ އަޅާ ބަލާއިރު، ޑިސެމްބަރު 2021 ގައި ސްރީލަންކާގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައި ވާ ކަމަށް ދައްކާ މައިގަނޑު ސަބަބަކީ، ކާބޯތަކެތީގެ ގުރޫޕާއި އެނުންވެސް ގުރޫޕުތަކުގައި ހިމެނޭ ތަކެތީޚގެ އަގު ބޮޑު ވުމުން ކަމަށް ލަންކާ މީޑިއާއިން ބުނެއެވެ.

2020 އިން 2021 އަށް ކާބޯތަކެތީގެ ގުރޫޕުގެ އަގުތަކަށް، މަހުން މަހަށް އައި ބަދަލަށް ބަލާއިރު ނޮވެމްބަރު 2021 ގައި 16.9 ޕަސެންޓްގައި އޮތް އަދަދު ވަނީ، ޑިސެމްބަރު 2021 ގައި 21.5 ޕަސެންޓަށް އިތުރު ވެފައެވެ.

މި ދަނޑިވަޅަކީ އިގުތިސޯދީ އަދި މާލީ ގޮތުން ހީނަރުކަމުގެ އަނދަވަޅަކަށް ސްރީލަންކާ ވެއްޓިފައި ވާ ދަނޑިވަޅެކެވެ. ޑޮލަރު ލިބުން ދަތިވެ، ގައުމީ ޒަރޫރީ ހިދުމަތްތަކަށް ބުރޫ އަރަމުން ދާ ދަނޑިވަޅެކެވެ. އާންމު ބޭނުންތަކަށް ކޮންމެހެން ބޭނުން ވާ މުދާ، ބަނދަރުގައި ތާށިވެފައި ވާއިރު، ޑޮލަރު ނުލިބުމުގެ ސަބަބުން، ކަރަންޓުގެ ހަކަތަ ފޯރުކޮށްދިނުމަށްވެސް ގޮންޖެހުންތަކާ ކުރިމަތިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.