ދިވެހި ގައުމުގެ ހައްގުގައި ބޮޑުތަކުރުފާނު ކުރެއްވި ޖިހާދު އިއާދަ ނުކުރެވޭނެ ކަމަށާއި، އެހެންނަމަވެސް މިހާރު ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ އޭގެ އެތައް ސަތޭކަ އަހަރެއް ކުރިން ކުރި ޖިހާދާ އެއްވަރު މަސައްކަތެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ފުޅާކުރުމުގެ ގޮތުން، ރ. ދުވާފަރަށް ވަޑައިގަތުމުން، އެ ރަށުގައި ތިބި އިދިކޮޅަށް ސަޕޯޓުކުރާ ރައްޔިތުން ވަނީ ޔާމީނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެ ރަށުގައި "އިންޑިއާ އައުޓް" ގެ ނަމުގައި ހިނގާލުމެއް ބޭއްވިއިރު، އެ ހިނގާލުމުގައިވެސް ޔާމީން ބައިވެރިވެވަޑައިގަތެވެ.

އެ ހިނގާލުން ނިންމަވާލެއްވުމަށް ފަހު، އެ ތަނަށް އެއްވެ ތިބި މީހުންނާ މުހާތަބުކުރައްވައި ޔާމީން ވަނީ، އިންޑިއާ ސިފައިންނަށް ރާއްޖޭގައި އެއްވެސް ފުރުސަތެއް ނެތް ކަމަށާއި، އިންޑިއާގެ ސިފައިންނަށް އެއްވެސް މެހެމާންދާރީއެއް ނެތް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި މިއީ ހުރިހާ ދިވެހި ރައްޔިތުން އެދޭގޮތް ކަމުގައިވެސް ޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން، ޔާމީން ވަނީ އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ، މީގެ އެތައް ސަތޭކަ އަހަރު ކުރިން ބޮޑުތަކުރުފާނާއި، ދުވާފަރަށް އުފަން ދަންޑަހެލު ދިވެހި ގައުމުގެ ހައްގުގައި ކުރެއްވި ޖިހާދާ އެއްވަރުގެ ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެކަމަކު ޔާމީން ވިދާޅުވީ، ބޮޑުތަކުރުފާނު ކުރެއްވި ޖިހާދު އިއާދަ ނުކުރެއްވޭނެ ކަމަށެވެ.

"އެހެންނަމަވެސް މިކަހަލަ އިސްތިއުމާރީ ބާރުތަކުން ދިވެހިރާއްޖެ އާ ތޮޅޭ ކޮންމެ ފަހަރަކު ދިވެހި ރައްޔިތުންތަކެއް ނުކުމެ އެކަމާ ކުރިމަތިލާ."
އަބްދުالله ޔާމީން, ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު

ރާއްޖެއާ ކުރިމަތިލާން އަންނަނީ މަދެއްކޮށް ނޫން ކަމަށާއި، ކޮންމެ ފަހަރަކުވެސް ރާއްޖެއާ ކުރިމަތިލާން އަންނަނީ އިންޑިއާގެ ސަރަހައްދުން އަންނަ ބައެއް ކަމުގައިވެސް ޔާމީން ވިދާޅުވިއެވެ.

އެއަށްފަހު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ، ގޭގޭގެ ފާރުތަކުގައި ޖަހާފައިވާ "އިންޑިއާ އައުޓް" ޝުއޫރުތަކަކީ ރައްޔިތުންގެ ހިޔާލު ކަމަށާއި، މިއީ ސަރުކާރުން ބެހެން ޖެހޭ ކަމެއްނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ގޭގެ ފާރުތަކުގައި 'އިންޑިއާ އައުޓް' ޖެހީމަ އުނދަގޫވާ ބަޔަކު އެބަތިބި. އެއީ ރައްޔިތުންގެ ގޭގޭގެ ފާރު. ސަރުކާރަކާއި ބެހޭ ކަމެއްނޫން. އެއީ ރައްޔިތުންގެ ޝުއޫރު"
އަބްދުالله ޔާމީން, ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު

އެއާއެކު، އިންޑިއާ އައުޓް ހަރަކާތް ހުއްޓާލަން ޖެހޭ ސަބަބެއް ސަރުކާރުން ދެއްކުމަށް ގޮވާލައްވައި، ޔާމީން ވިދާޅުވީ، ސަރުކާރުގެ އިސްވެރިންނަކަށް އިންޑިއާ އައުޓް ހުއްޓާލަންޖެހޭ ސަބަބެއް ނުދެއްކެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިންޑިއާ އައުޓް ހަރަކާތް ހުއްޓާލަން ޖެހޭ އެއްވެސް ސަބަބެއް މި ސަރުކާރުން ދައްކާ، އެ ބޭފުޅުންނަކަށް ނުދެއްކޭނެ. ނުދެއްކޭނެ، ނުވެސް ދެއްކޭނެ. އުނދަގޫވަނީ ޔާމީން މޭ މަތި ފުރައިގެން އިންޑިއާ އައުޓް ހުރުމުން، މިއީ އަހުލާގީ ގޮތުން ރަނގަޅު ކަމަކަށް ނުވަނީއޯ."
އަބްދުالله ޔާމީން, ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ރަށްރަށުގައި ފުޅާކުރުމުގެ ގޮތުން، ޔާމީން ވަނީ މީގެ ކުރިން ކ. އަތޮޅާއި، ފ. އަތޮޅުގެ ބައެއް ރަށްރަށަށް އަދި ށ. އަތޮޅުގެ ބައެއް ރަށްރަށަށްވެސް ވަޑައިގެން، އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. ހަމަ އެއާއެކު މާލޭގައިވެސް ސިލްސިލާކޮށް އިހުތިޖާޖުތައް ބާއްވައި، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރުމަށް ގޮވާލަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތް ރަށްރަށަށް ފުޅާކުރަމުން ދާއިރު، އެ ހަރަކާތާ ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ ބައެއް އިސްވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ، އަދި މި ހަރަކާތް ކުރިއަށް ގެންދަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.