މާލެތެރޭ ދަތުރުތަކަށް އާންމުން އެދުމުން، ހުޅުމާލެއާއި އެއާޕޯޓަށް އެކަނި ދަތުރުފަތުރު ކުރާ ޓެކްސީ ޑްރައިވަރުންނަށް ފިޔަވަޅު އަޅަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

އިއްޔެ ކުރި އިއުލާނެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މާލެތެރޭން ޓެކްސީ ހޯދުމަށް އާންމުން އެދުމުން، މާލެތެރޭ ދަތުރުތައް ނެގުމުގެ ބަދަލުގައި ހުޅުމާލެއާއި އެއާޕޯޓުގެ ދަތުރުތައް ނަގާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން، މާލެތެރޭ ދަތުރުތައް ނުނަގާ ޓެކްސީ ޑްރައިވަރުންގެ މައުލޫމާތު މިނިސްޓްރީގެ ނަނަބްރު 7943434 އަށް ވައިބާ ކުރުމަށް ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ، ޓެކްސީގެ ހިދުމަތް ދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް އެއްގަމު ދަތުރުފަތުރާއި ޓެކްސީ ގަވައިދުގައިވާ ކަންކަން ހިނގާނެ ކަމަށާއި، އެ ގަވައިދާ ހިލާފުވާ ސެންޓަރުތަކާއި ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ޓެކްސީތަކުގެ އަގުތައް ހުރިނެތް ގޮތް:

  • މާލެތެރޭ ދަތުރުތަކަށް 25ރ. (ދަންވަރުން ފަތިހަށް 30ރ.)
  • މާލޭން އެއާޕޯޓަށް ކުރާ ދަތުރުތަކަށް 60ރ. (ދަންވަރުން ފަތިހަށް 65ރ.)
  • މާލޭން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް 75ރ. (ދަންވަރުން ފަތިހަށް 80ރ.)
  • މާލޭން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 90ރ. (ދަންވަރުން ފަތިހަށް 100ރ.)

މާލެތެރޭ ދަތުރުތަކަށް ޓެކްސީ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާ މިފަހުން ވަނީ އިތުރުވެފައެވެ. މި މައްސަލާގައި އާންމުންގެ މެދުގައި ކަންބޮޑުވުންތައް ހުރިއިރު، އާންމުންގެ ގިނަ ބަޔަކު ވަނީ ޓެކްސީތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.