މިދިޔަ ހަފުތާ ބަންދުގައި ޓޮންގާގެ ކަނޑުއަޑީގެ އަލިފާންފަރުބަދައެއް ގޮވި ގޮވުމާ، އެ ގޮވުމާ ގުޅިގެން އުފެދުނު ބިޔަ ސުނާމީގެ އަސަރު، އެ ގައުމުގެ އާބާދީގެ 80 ޕަސެންޓަށް ފޯރާފައި ވާ ކަމަށް، އދއިން ބުނެފިއެވެ.
އިންސާނީ އެހީއާ ބެހޭ އދގެ އިދާރާއިން އަންދާޒާ ކުރާ ގޮތުގައި، އަލިފާންފަރުބަދަ ގޮވުމާއި ސުނާމީގެ އަސަރު 12000 އެއްހާ ގޭބިސީއަށް ކޮށްފައި ވާ އިރު، 84000 އެއްހާ މީހުންނަށް އަސަރު ފޯރާފައިވެއެވެ.
ކަނޑުއަޑީގެ އަލިފާންފަރުބަދައެއް ގޮވި ގޮވުމާ، އެ ގޮވުމާ ގުޅިގެން އުފެދުނު ބިޔަ ސުނާމީގައި 3 މީހަކު މަރުވި ކަމަށް މިދިޔަ ހަފުތާގެ ކުރީކޮޅުގައި ލިބުނު ރިޕޯޓް ފިޔަވާ، މިފަދަ އިތުރު ގެއްލުމެއްގެ މައުލޫމާތު އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
އިންސާނީ އެހީއާ ބެހޭ އދގެ އިދާރާއިން ބުރާސްފަތި ދުވަހު ހާމަ ކުރި ގޮތުގައި ޓޮންގާއަށް އިންތިހާއަށް މުހިންމު ދަނޑުވެރި ކަމުގެ ސިނާއަތަށް ވަނީ ގެއްލުންވެފައެވެ. ދަނޑުބިންތަކާ، ނާމްސޫފީގެ އިތުރުން މަސްވެރިކަމަށްވެސް ގެއްލުންތަކެއް ވެފައި ވާ ކަމަށް އދއިން ބުނެއެވެ.
ދަނޑުތަކަށް އަޅި ފޭބުމާ، ސުނާމީގެ ސަބަބުން ލޮނުގެ އަސަރު ކުރުމުގެ އިތުރުން، އެސިޑް ވާރޭ ވެހުމުގެ ކަންބޮޑުވުން އެބަ އޮތް ކަންވެސް އދއިން ފާހަގަ ކުރެއެވެ.
ނާމްސޫފި ގެންގުޅޭ ގޭބިސީތަކުގެ ތެރެއިން 60-70 ޕަސެންޓް ގޭބިސީއަށް އަސަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
މަސްވެރިކަމަށް ބަލާއިރު، ޓޮންގާގެ ޖަޒީރާ 170 އެއްހާ ރަށަށް މި މަސައްކަތް އޮންނަނީ ފުޅާވެފައެވެ. ނަމަވެސް ހުސްވި ހަފުތާ ބަންދުގެ ހާދިސާއާ ގުޅިގެން، މަސްކަނޑު ތަޣައްޔަރުވެ، އެ މަސްތައް ބޭނުން ކުރުމާ ދެކޮޅަށް ސަރުކާރުން ވަނީ އިރުޝާދު ދީފައި ކަން ފާހަގަ ކުރަން ޖެހެއެވެ.
މިދިޔަ ހަފުތާ ބަންދުގައި ޓޮންގާގެ ކަނޑުއަޑީގެ އަލިފާންފަރުބަދައެއް ގޮވި ގޮވުމާ، އެ ގޮވުމާ ގުޅިގެން އުފެދުނު ބިޔަ ސުނާމީގެ ސަބަބުން ލިބުނު ގެއްލުމުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ވައިގެ ބަނދަރު ހުޅުވާ، އޮޕަރޭޓް ކުރަން ފަށާފައި ވާއިރު، ބައިނަލްއަގުވާމީ އެހީތައްވެސް މިހާރު ޓޮންގާއަށް ފޯރަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.