މީގެ 2 އަހަރު ކުރިން ފެންމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް ނިމުން އަންނަ އަދި ގާތް ނުވާ ކަމަށް ވިދާޅުވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް، ދުނިޔޭގެ ލީޑަރުންނަށް އިންޒާރު ކުރައްވައިފިއެވެ.

2021 ވަނަ އަހަރު ނިމެން ދަނިކޮށް ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރި އޮމިކްރޯން ވޭރިއަންޓާ ގުޅިގެން، އެއީ މާ ނުރައްކާ ވޭރިއަންޓެއް ނޫންކަން ދޭހަވާފަދަ ރޫހެއްގައި ބައެއް ގައުމުތަކުން އަމަލު ކުރަމުން ދާ އިރު، އެކަން އެހެން ނުކުރުމަށްވެސް ޑރ ޓެޑްރޯޒް ވަނީ އިންޒާރު ކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮވިޑްގެ އާ ރާޅުތައް ބިންދަމުން ދާ އިރު، އެންމެ ވަރުގަދަ ވޭރިއަންޓެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އޮމިކްރޯން ވޭރިއަންޓްއެވެ.

ޖެނީވާގައި ހުންނަ ޑަބްލިއުއެޗްއޯގެ މަރުކަޒީ އިދާރާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ފާއިތުވީ ހަފުތާ ތެރޭގައި އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އޮމިކްރޯންއާ ގުޅިފައިވާ 18 މިލިއަން އާ ކޭސް ރިޕޯޓް ކޮށްފައި ވާ ކަމަށެވެ.

އޮމިކްރޯންގެ ސަބަބުންވެސް ހާލަތު ގޯސްވާ ކޭސްތައް އަންނަ ކަމަށާ، ހާލަތު ގޯސް ނުވި ކަމުގައި ވީ ނަމަވެސް، ސިއްހީ ނިޒާމަށް ބުރަ ބޮޑުވަމުން އަންނަ ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު އޮމިކްރޯން ވޭރިއަންޓް ފެތުރެމުން ދާ އިރު، އާ ވޭރިއަންޓްތައް އުފެދުން ގާތް ކަމުގެ އިންޒާރުވެސް ޑރ ޓެޑްރޯޒް ވަނީ ދުނިޔޭގެ ލީޑަރުންނަށް ދެއްވާފައެވެ. އޮމިކްރޯން ކޭސްތައް އިތުރު ވަމުން އަންނަ އިރު، ކޭސްތައް ޓްރެކް ކޮށް، އެސެސްމަންޓްތައް ހެދުން މުހިންމު ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.