ކުޅުދުއްފުށީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

އެ ކައުންސިލުން ބުނީ ޒަރޫރީ ބޭނުންތައް ފިޔަވާ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމާއި ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އަންގާފައި ވާނެ ކަމަށެވެ. އަދި ކޮވިޑުން ރައްކާތެރި ވުމަށް މާސްކް އަޅަން ޖެހޭ ގޮތަށް އެޅުމަށް ފަރުވާތެރިވުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ކުޅުދުއްފުށިން ރެންޑަމް ސާމްޕަލްތަކާއި ފުލޫ ސާމްޕަލްތައް ޕޮޒިޓިވްވަމުން ދާއިރު އެ ސިޓީގެ ކައުންސިލުން ވަނީ ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޓެސްޓު ކުރުމަށް އަންގާފައެވެ.

ހދ އަތޮޅުގެ 10 ގިނަ ރަށަކުން ކޮވިޑް ކޭސްތައް ފެނިފައިވާއިރު އޭގެ ތެރެއިން 3 ރަށެއް މިވަގުތުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެ 3 ރަށަކީ ހދ. ނޮޅިވަރަންފަރު، ހދ. ހަނިމާދޫ އަދި ހދ. ނެއްލައިދޫއެވެ. ކުޅުދުއްފުށީގައި ކޮވިޑަށް ޕޮޒިޓިވްވެފާ މިހާރު ތިބި މީހުންގެ އަދަދު 192 އަށް އަރައިފާވާއިރު އެ ސިޓީ އަދި މޮނިޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެއެވެ.