ހުސްވި ހަފުތާ ބަންދުގައި ޓޮންގާގައި އަލިފާންފަރުބަދައެއް ގޮވުމާ ގުޅިގެން އުފެދުނު ސުނާމީގެ އުސް މިނުގައި 49 ފޫޓު ހުރި ކަމަށް، ޓޮންގާ ސަރުކާރުން ހާމަ ކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާގައި 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ޓޮންގާގެ ޖަޒީރާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް ދާ އިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެއެވެ.

ޓޮންގާ ސަރުކާރުން ހަބަރު ދޭ ގޮތުގައި، އަލިފާންފަރުބަދަ ގޮވުމުގެ ހާދިސާގައި ބަޔަކަށް އެކި ވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

ޓޮންގާ ސަރުކާރުން ބުނީ، މިއަދު ކުރިމަތިލާން ޖެހިފައި މި ވަނީ، ޓޮންގާގެ ތާރީހު ދެކެފައި ނުވާ ފަދަ ކާރިސާއަކާ ކަމަށެވެ.

ހުޅަނގު ފަރާތުން އެރި ސުނާމީގެ ބިޔަ ރާޅުގައި، ޓޮންގާގެ ބައެއް އަވަށްތައް "މުޅިން ދޮވެލާފައި" ވާ ކަމަށް ހަބަރު ލިބެއެވެ.

ޓޮންގާގައި ރެސްކިއު އޮޕަރޭޝަންތައް ފެށިފައި މި ވަނީ، އަލިފާންފަރުބަދަ ގޮވުމާއި ސުނާމީގެ ކާރިސާ ހިނގިތާ ދުވަސްތަކެއް ފަހުންނެވެ. އެކަހެރި ބައެއް އަވަށްތަކަށް އަދިވެސް ކައިރި ނުވެވޭކަމަށް މައުލޫމާތު ލިބެއެވެ.

މި އޮޕަރޭޝަންތައް ފެށުން ލަސްވީ، މުވާސަލާތީ ހިދުމަތްތަކަށް ގެއްލުންވެ، ގުޅުން ކެނޑުމުގެ ސަބަބުންނެވެ. އަލިފާންފަރުބަދަ ގޮވި ހާދިސާގައި، ކަނޑު އަޑީގައި ހުރި ކޭބަލްތަކަށް ގެއްލުން ވި ކަމަށް މައުލޫމާތު ލިބެއެވެ.

ބައިނަލައަގުވާމީ އިންސާނީ އެހީދޭ ޖަމިއްޔާތަކާ، އަވަށްޓެރި ގައުމުތަކުން ދަނީ ޓޮންގާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ނިއުޒީލަންޑް ސަރުކާރުން ވަނީ، ކަނޑުއަޑީގެ ކޭބަލްތައް މަރާމާތު ކުރުމަށް މަހެއްހާ ދުވަސް ހޭދަވެދާނެ ކަމަށް ބުނެފައެވެ.

ޔޫއެން ކޯޑިނޭޝަން އޮފީހުން ހަބަރު ދޭ ގޮތުގައި، ހަފުތާ ބަންދުގައި ގޮވި އަލިފާން ފަރުބަދައިގެ ބޮޑު ބައެއް މިހާރު ވަނީ ގެއްލިފައެވެ.