ހދ. ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓް އިން ފުރަން ތައްޔާރުވެފައި އޮތް ފުލައިޓެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގި އިރު، އެ ޕްލައިޓްގެ ކޯ-ޕައިލެޓް ފަޅީގެ ކުޑަދޮރު ވެސް ތަޅައިގެން ދިޔަ ކަމަށް މޯލްޑިވިންއިން ބުނެފިއެވެ.

މޯލްޑިވިއަންގެ ޕްލައިޓެއް ހަނިމާދޫއިން ނައްޓާލަން އުޅުނުގެ ތެރޭގައި އަލުފަާނުގެ ހާދިސާ ހިނގީވެސް ކޮކްޕިޓްގައެވެ. ބޯޓުގައި ތިބި 35 މީހުންނާއި ކްރޫން ބާލައި އަލިފާން މިހާރު ނިއްވާލައި ބޯޓު ޓޯ ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންއިން އިތުރަށް ބުނީ އެ ހާދިސާ ހިނގުމާ އެކު ވަގުތުން މީހުން ބާލައި ބޭނުންކުރާ ސާމާނު ރަންވޭއަށް ހުސްކޮށްފައިވާ ކަމަށާއި އެ އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަގުތުން މަތިންދާ ބޯޓަށް އެޓެންޑްވި ކަމަށެވެ.

އަދި މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން ދާ ކަމަށް ވެސް ބުނެފައި ވެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިރޭ 7:40 ހާއިރު ފުރަން ތައްޔާރުވެފައި އޮއްވައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހަނިމާދޫ އެއާޕޯޓުގައި ޖައްސައިފައި އޮތް ފްލައިޓެއްގެ ކޮކްޕިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު މިރޭ 8:05 ހާއިރު ލިބިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.