ސްރީލަންކާގެ ހަކަތައިގެ ސަޕްލައިގެ އިންވެންޓަރީއަށް ބަލާއިރު، އެ ގައުމުގައި މިވަގުތު ހުރީ މިއަދު ހެނދުނުގެ ނިޔަލަށް ބޭނުން ކުރާނެ ހާ ހަކަތަ ކަމަށް، ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ)ގެ އޮފިޝަލުންނާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ހަކަތައިގެ ސަޕްލައި ހުސްވެ، ކަރަންޓް ފޯރުކޮށްދެވިދާނެ ކަމާ މެދު ސުވާލު އުފެދިފައި ވާ މި ދަނޑިވަޅުގައި، މި މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މަޝްވަރާ ކުރުމަށްޓަކާ، މިއަދުގެ ވަގުތެއްގައި ލަންކާގެ އޮފިޝަލުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ހަބަރު ލިބެއެވެ.

ސްރީލަންކާގެ އެނާޖީ މިނިސްޓަރު އުދައްޔާ ގައްމަންޕިއްލާ ވަނީ، މެދުކެނޑުމެއް ނެތި، ސީއީބީއަށް ހަކަތައިގެ ސަޕްލައި ބޭނުން ކަމުގައި ވަނީނަމަ، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ)އަށް ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ.

މި ދަނޑިވަޅަކީ، ސްރީލަންކާއަށް ޑޮލަރުގެ ދަތިކަން ކުރިމަތިވެފައި ވާ ދަނޑިވަޅަކަށް ވާއިރު، ދަތުރުފަތުރާއި އެހެނިހެން ކަންކަމަށް ބޭނުންވާ ހަކަތައިގެ ސަޕްލައި ހޯދުމަށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ހޯދަންޖެހޭ 400 މިލިއަން ޑޮލަރު ހޯދުމަށް، ސީޕީސީއަށް ގޮންޖެހުންތަކާ ކުރިމަތިވެފައި ވާ ކަމަށްވެސް ގައްމަންޕިއްލާ ވަނީ ވިދާޅުވެފައެވެ.

ހަކަތައިގެ ސަޕްލައި ބޭނުންވާނަމަ، 3 މަސް ދުވަސް ކުރިން އެނގުމަށް ސީއީބީއަށް އަންގާފައި ވާނެ ކަމަށާ، ނަމަވެސް ޖެނުއަރީ 13 ވަނަ ދުވަހުން ފަށައިގެން ހަކަތައިގެ ސަޕްލައި ބޭނުން ވާ ކަމަށް އެ ބޯޑުން އެންގީ ޖެނުއަރީ 11 ވަނަ ދުވަހު ކަމަށްވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދޭނެ ހަކަތައިގެ ސަޕްލައިއެއް ސީޕީސީގައި ނުހުންނާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޑޮލަރު ފޯރުކޮށްދީފިނަމަ، ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ ހަކަތަ ސަޕްލައި ކުރުމަށްޓަކާ، ހަކަތަ އިމްޕޯޓް ކުރުމަށްވެސް އެނާޖީ މިނިސްޓްރީ އޮތީ ތައްޔާރަށް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގައި މިވަގުތު ހުރީ މިއަދު ހެނދުނުގެ ނިޔަލަށް ބޭނުން ކުރާނެ ހާ ހަކަތަ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ އިރު، އެ ގައުމުގެ އެއްވެސް ހިސާބަކުން ކަރަންޓުގެ ހިދުމަތް މުޅިން ކެނޑިފައި ވާ ކަމުގެ ހަބަރެއް އަދި ނުލިބެއެވެ.