2017 ވަނަ އަހަރު ހުޅުމާލޭގައި ތޫނު އެއްޗެހިން ހަމަލަދީ މަރާލި ގއ. ދާންދޫ، ގޯލްޑްރީފް، ހާރިސް އަބްދުލްގަފޫރުގެ މަރުގެ މައްސަލައަކީ ބަދަލު ހިފުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމުގައި އެ މައްސަލަ ތަހުގީގުކުރި އޮފިސަރު ކޯޓުގައި މިއަދު ބުނެފިއެވެ.

ހާރިސް މަރާލި މައްސަލައާ ގުޅިގެން ފުވައްމުލަކު، ހިލްޓަން، ޔާމީން ރަޝީދަށް ދައުލަތުން ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެމުން، އެ މައްސަލަ ތަހުގީގުކުރި ފުލުހުންގެ އޮފިސަރު ބުނީ، ހާރިސަށް ބަޔަކު ހަމަލަދިނުމުގެ ކުރިން އޭނާ އާއި ޔާމީނާ ދެމެދު މާރާމާރީއެއް ހިނގި ކަމަށާއި، ހާރިސް މަރާލާފައި ވަނީ އެކަމަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.

އެ މައްސަލާގައި ޔާމީންގެ އިތުރުން އެހެން މީހަކަށް ތުހުމަތު ކުރެވުނު ނަމަވެސް، ދެވަނަ މީހާ އާ ދެކޮޅަށް އެކަށީގެންވާ ވަރުގެ ހެއްކެއް ނުލިބޭ ކަމަށްވެސް އެ އޮފިސަރު ބުންޏެވެ.

ހާރިސް ބެލި ޑޮކްޓަރު ތައްޔާރު ކުރި ރިޕޯޓާ ގުޅޭ ގޮތުން ހެކިބަސް ދެމުން ޑޮކްޓަރަކު ބުނީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށާއި، އޭނާގެ ހަށިގަނޑުގެ 15 ތަނެއްގައި ޒަހަމްތައް ހުރިއިރު އެންމެ ބޮޑު ޒަހަމެއް ހުރީ ކަރުގައި ކަމަށް ވާއިރު، އެ ޒަހަމްތަކުގެ ސަބަބުން ކަރުތެރޭގައި ހުރި ނާރުތައްވެސް ފެންނަން ހުރި ކަމަށެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެއްކެއްގެ ހެކިބަސް ނެގުމަށް އިތުރު ފުރުސަތަކަށް ދައުލަތުން އެދިފައިވާތީ، މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ، ސިއްރު ހެކިން ހާޒިރުކުރުމަށް އިތުރު ފުރުސަތަކަށް އެދެނީ ހެކިވެރިން އެހެން ރަށްރަށުގައި ތިބުމުން ކަމަށެވެ.

ދައުލަތުގެ މި އެދުމަށް ދިފާއީ ވަކީލުން އެއްބަސްވި ނަމަވެސް، އެކަމަށް ދިގު މުއްދަތެއް ދިނުމަށް ވަނީ ދެކޮޅު ހަދާފައެވެ. ސަބަބަކީ މި މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޔާމީންގެ ބޭސްފަރުވާއަށް ހުރަސް އެޅިފައިވާތީ ކަމަށް، އޭނާގެ ދިފާއީ ވަކީލުން ބުންޏެވެ.

އެހެންކަމުން، ގާޒީ އާދަމް މުހައްމަދު ވަނީ ސިއްރު ހެކިން ހާޒިރުކުރުމަށް އިތުރު ފުރުސަތެއް ދެއްވާފައެވެ. ނަމަވެސް މިއީ އެކަމަށް ދެވޭނެ ފަހު ފުރުސަތު ކަމަށާއި، މި ފުރުސަތުގައި ސިއްރު ހެކިވެރިން ހާޒިރު ނުކުރެވިއްޖެ ނަމަ، ދެން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ވިދާޅުވިއެވެ.

ޔާމީންގެ އޮޕަރޭޝަނެއް ކުރަން ޖެހިފައި ވާތީ އެ އޮޕަރޭޝަނަށް ފަހު، ހޮސްޕިޓަލްގައި ޔާމީންގެ އާއިލާއަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސަން އޭނާގެ ފަރާތުން އެދިފައި ވާތީ ދައުލަތުން ބުނީ، އެ ފުރުސަތު ދެވޭނީ ހޮސްޕިޓަލުން ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށެވެ.

އެއާއެކު ގާޒީ އާދަމް ވިދާޅުވީ، ޔާމީންގެ އޮޕަރޭޝަނަށް ފަހު، އާއިލާގެ މީހުންނަށް އޭނާ އާ އެކު ހޮސްޕިޓަލްގައި ތިބުމުގެ ފުރުސަތު ދޭން ހޮސްޕިޓަލްގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށާއި، ހޮސްޕިޓަލާ ވާހަކަ ދައްކައިގެން އާއިލާއިން އެކަން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.