ބ. ކުޑަރިކިލުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ފެތުރެން ފަށާފައި ވާއިރު، އެ ރަށުގައި ޑޮކްޓަރަކު ނެތި ރައްޔިތުން ނިކުމެ މުޒާހަރާކޮށް ސިއްހީ މަރުކަޒު ބަންދުކޮށްފިއެވެ.

މި ދުވަސްވަރު ރާއްޖެއިން ކޮވިޑް ކޭސްތައް އިތުރުވަމުން އަންނައިރު، ބޭރަށް ހިންގުމާއި ހޮޑުލުގެ ރޯގާ އަންނަނީ ފެތުރެމުންނެވެ. އެގޮތުން މި މަހުގެ 11 ވަނަ ދުވަހާ ހިސާބަށް ރޯގާގެ 3491 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.

"ދަ ޕްރެސް" އާ ވާހަކަދައްކަމުން ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލް ހަންނާން އައްބާސް ވިދާޅުވީ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހިގެން މިހާރުވެސް ވިއްސަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނަ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ޑޮކްޓާރަކު ނެތި އެކަމާ ރައްޔިތުން ނުރުހުން ފާޅުކުރަމުން އަންނަ ކަމަށާއި އެގޮތުން މިއަދު ސިއްހީ މަރުކަޒު ސަރަހައްދުގައި ނުރުހުން ފާޅުކޮށް އެ މަރުކަޒު ބަންދުކޮށްފައިވާ ކަމަށެވެ.

ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުން، މުޒާހަރާކުރާ މީހުން ގެންގުަަޅުނު ބައެއް ލިޔުންތައް / ފޮޓޯ: ސިފާން މުހައްމަދު

ހަންނާނު ވިދާޅުވީ އަބަދުވެސް ސިއްހީ މަރުކަޒުގައި ހުންނަ ޑޮކްޓަރަކު ޗުއްޓީއަށް ދާ އިރު ލަސްވެގެން ދެ ދުވަސް ތެރޭގައި ޑޮކްޓަރެއް ފޮނުވާ ކަމަށާއި އެހެންނަމަވެސް މިފަހަރު ޑޮކްޓަރު ޗުއްޓީއަށް ދިޔަ ފަހުން 10 ދުވަސް ވެފައިވާ ކަމަށެވެ. އަދި އެނގިފައިވާ ގޮތުން ޑޮކްޓަރު ޗުއްޓީއަށް ގޮސްފައިވަނީ ޗުއްޓީއަށް ދިއުމަށް އެދޭތާ 3 މަސް ފަހުން ކަމަށް ހަންނާން ވަނީ ވިދާޅުވެފައެވެ.

ހަންނާނު ވިދާޅުވީ ޑޮކްޓަރެއް ނެތުމުން އެ ރަށުގެ މީހުން ސިއްހީ މަރުކަޒަށް ގޮސްގެން އޮންލައިންކޮށް ޑޮކްޓަރަށް ދައްކަމުން ގެންދާ ކަމަށާއި އެހެންނަމަވެސް އެ ހިދުމަތް ހޯދުމަށް 2 ނުވަތަ 3 ގަޑިއިރު ބަލި މީހާ ސިއްހީ މަރުކަޒުގައި ހޭދަކުރަން ޖެހޭ ކަމަށެވެ.

"އޮންލައިންކޮށް ޑޮކްޓަރަށް ދައްކަންވެސް 2 ގަޑިއިރު 3 ގަޑިއިރު ތިބެން ޖެހޭ އެބަ، އެހެންވީމާ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވަނީ ވެފާ"
ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލް ހަންނާން އައްބާސް
ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުން، މުޒާހަރާކުރަނީ / ފޮޓޯ: ސިފާން މުހައްމަދު

ހަންނާން އިތުރަށް ވިދާޅުވީ ކުޑަރިކިލަށް ދާ ޑޮކްޓަރަކު މިއަދު މާލެ އަންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ޑޮކްޓަރު އެ ރަށަށް ދިއުމުން ނޫން ގޮތަކަށް ގެއަށް ނުދާނެ ކަމަށާއި ބ އަތޮޅު ހޮސްޕިޓަލް މެނޭޓަރުގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.