މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި، ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުން ވީ އިތުރަށް މުއްސަނދި ކަމަށާ، ހަމަ އެއާއެކު ގިނަ ބަޔަކު އިންތިހާ ފަގީރު ކަމުގެ ތެރެއަށް ވައްޓާލި ކަމަށް ހިލޭ އެހީ ދޭ ޖަމިއްޔާ، އޮކްސްފާމުން ބުނެފިއެވެ.

އޮކްސްފާމުން އާންމު ކުރި ރިޕޯޓެއް ބުނާ ގޮތުގައި، ދުނިޔޭގެ އެންމެ ފަގީރުންނަށް ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން ދުވާލަކު 21000 މަރުގެ ކޭސް ރެކޯޑް ކޮށްފައިވެއެވެ. ނަމަވެސް މި ބަލިމަޑުކަމުގެ ތެރޭގައި، ދުނިޔޭގެ އެންމެ މުއްސަނދި 10 މަހުޖަނުންގެ މިލްކިއްޔާތު، މާޗް 2020 އިން ފެށިގެން، 2 ގުނަ އިތުރު ވެފައި ވާ ކަމަށްވެސް އޮކްސްފާމުން ފާހަގަ ކުރެއެވެ.

ފޭސްބުކްގެ ބާނީ މާކް ޒަކަބާގު ފޯރަމެއްގައި ވާހަަކަދައްކަނީ/ފޮޓޯ: އޭއެފްޕީ

އޮކްސްފާމްގެ ޗީފް އެގްޒެކެޓިވްއެއް ކަމަށް ޑެނީ ސްރިސްކަންދަރާޖާ ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގައި ފާއިތުވީ ކޮންމެ ދުވަހަކުމެހެން އާ ބިލިއަނަރަކު ލިސްޓު ކުރެވޭ ކަމަށެވެ. ހަމަ މި ދަނޑިވަޅުގައި، ދުނިޔޭގެ 99 ޕަސެންޓް އޮތީ އިންތިހާ ދަތި ހާލުގައި ކަމަށް ވެސް ސްރިސްކަންދަރާޖާ ވަނީ ފާހަގަ ކުރައްވާފައެވެ. ލޮކްޑައުންގެ އެތައް ބަޔަކު ހާލުގައި ޖެހި، ބައިނަލްއަގުވާމީ ވިޔަފާރީ ދަށްވެ، ފަތުރުވެރިކަން ދަށްވުމުގެ ނަތީޖާއެއްގެ ގޮތުން، އިތުރު 160 މިލިއަން މީހަކު، އިންތިހާ ފަގީރު ކަމުގެ ތެރެއަށް ވެއްޓިފައި ވާ ކަމަށްވެސް ސްރިސްކަންދަރާޖާ ވިދާޅުވިއެވެ.

އަދުގެ އިގުތިސޯދީ ނިޒާމުގައި ބޮޑު ގޯހެއް އުޅޭ ކަމަށް ސްރިސްކަންދަރާޖާ ސިފަކުރެއްވިއެވެ.

އެމެރިކާގެ ޖައްވީ އިދާރާގެ ތާރީހީ ދަތުރުގެ ކާމިޔާބު ފެށުމާއެކު ސްޕޭސް އެކްސް ކުންފުނީގެ ބާނީ އަދި މަހުޖަނު އީލޯން މަސްކް (މ) އުފާފާޅުކުރަނީ/ފޮޓޯ: އާކައިޑް

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މިލްކިއްޔާތު 2 ގުނަ ވީ ކަމަށް އޮކްސްފާމުން ފާހަގަ ކޮށްފައިވާ މަހުޖަނުންގެ ތެރޭގައި އީލޯން މަސްކު، ޖެފް ބޭޒޯސް، ބާނާޑް އާނޯލްޓްއާއި އޭނާގެ އާއިލާ، ބިލް ގޭޓްސް، މާކް ޒަކަބާގް އަދި ވޮރަން ބުފޭ ހިމެނެއެވެ.

މި ވަގުތު ދުނިޔޭގައި ތިބި އެންމެ މުއްސަނދި 10 މީހުންގެ ޖުމުލަ މިލްކިއްޔާތުގ އަގު، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި 700 ބިލިއަން ޑޮލަރުން 1.5 ޓްރިލިއަން ޑޮލަރަށް އިތުރުވިއެވެ. މީގެ ތެރެއިންވެސް މަސްކުގެ މިލްކިއްޔާތުގެ އަގު 1000 ޕަސެންޓް އިތުރުވި ކަން ފާހަގަ ކުރަން ޖެހެއެވެ.