ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއު އިފްތިތާހް ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުاللهއެވެ. މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން އާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ ދަށުން، 212 މީޓަރު އެއްގަމުތޮށި ލުމާއި 407 މީޓަރު ބޭރުތޮށި ލުމާއި 107 މީޓަރު ބޭރުތޮށި މަރާމާތުކުރުމާއި 105 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން 50 މީޓަރުގެ ގްރޮއިންސް ޖެހުމާއި ބަނދަރު އަދި ނެރު ފުންކުރުމުގެ އިތުރުން ރޭމްޕް އާއި ވޯކްވޭ ބްރިޖް ހެދުމާއި ނޭވިގޭޝަން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ 33.72 މިލިއަން ރުފިޔާއަށް ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.