ޔޫއޭއީގެ ވަލީ އަހުދު ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނުގެ ދައުވަތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޔޫއޭއީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާ ވަޑައިގެންފިއެވެ.

ރައީސް ޔޫއޭއީ އަށް ވަޑައިގަންނަވަނީ މާދަމާ އެ ގައުމުގައި ބާއްވަން ހަމަޖެހިފައިވާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް، އަބޫދާބީގެ ވަލީ އަހުދުގެ ދައުވަތަކަށް ކަމަށް، ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.