އިނދަޖެހެމުންދާ އިގުތިސޯދު ނަގަހައްޓާ، އިންވެސްޓްމަންޓް ތަކަށް މީހުން ޝައުގުވެރި ކުރުވުމުގެ ގޮތުން، ބިދޭސީ މަހުޖަނުންނަށް، ޕާކިސްތާނުން ދާއިމީ ރަށްވެހިކަން ހަމަޖައްސާދިނުމަށް އެގައުމުން ނިންމައިފިއެވެ.

ޕާކިސްތާނުން ދާއިމީ ރަށްވެހިކަން ހަމަޖައްސާދިން ކަމުގައި ވީ ނަމަވެސް، ޕާކިސްތާން އަދު އޮތް ހާލަތުން، މި ފުރުސަތުގެ ބޭނުން ހިފާނީ ކިހާ އަދަދެއްގެ މަހުޖަނުންކަން ލަފާ ކުރަން އަދި ދައްޗެވެ.

މި މަޝްރޫއާ ބެހޭ ގޮތުން ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗޯދުރީ ވިދާޅުވީ، މި ސްކީމަކީ ޕާކިސްތާނުގެ ގައުމީ ސަލާމަތުގެ ސިޔާސަތުގެ އިމުގެ ތެރެއިން ހިންގާ މަޝްރޫއެއް ކަމަށާ، މި މަޝްރޫއު އެންމެ ފުރަތަމަ އިފްތިތާހް ކޮށްދެއްވީ، އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ކަމަށެވެ.

މި މަޝްރޫއަކީ ކެނެޑާއާއި އެމެރިކާގައި ދިރިއުޅޭ ސިކުންގެ ތެރެއިން، އެބައި މީހުންގެ ދީނީ ސައިޓްތަކުގައި އިންވެސްޓް ކުރަން ބޭނުން ވެފައި ތިބި މީހުންނަށް އަމާޒު ކުރާ މަޝްރޫއެއް ކަމަށް އިންޑިއާއިން ތުހުމަތު ކުރެއެވެ. މީގެ އިތުރުން، މަހުޖަނުންނަށް ޕާކިސްތާނުން ދާއިމީ ރަށްވެހިކަން ހަމަޖައްސައިދިނުމަށް ނިންމި ނިންމުމަކީ، ތޯލިބާނުންގެ ވެރިކަމަށް ފަހު، މެލޭޝިއާއާއި ތުރުކީވިލާތް އަދި އެނޫންވެސް ގައުމުތަކަށް ދިރިއުޅުން ބަދަލު ކުރުމަށް މަސައްކަތް ކުރާ، އަފްގާނިސްތާނުގެ ތަނަވަސް މީހުންނަށް އަމާޒު ކުރާ މަޝްރޫއެއް ކަމަށްވެސް އިންޑިއާއިން ތުހުމަތު ކުރެއެވެ. އަދި ޕާކިސްތާނުގައި ސިނާއީ ޔުނިޓް އަޅަން ބޭނުން ޗައިނާ ރައްޔިތުންނަށްވެސް މި މަޝްރޫއު އަމާޒު ކުރާ ކަމަށް އިންޑިއާ މީޑިއާއިން ބުނެއެވެ.

މިއީ ޕާކިސްތާނުން ނިންމި ތާރީހީ ނިންމުމެކެވެ. ޕާކިސްތާނުގެ ތާރީހުގައިވެސް، ރިއަލް އެސްޓޭޓް ސިނާއަތުގައި ބިދޭސީން އިންވެސްޓް ކުރުމަށް ހުޅުވާލި، މިއީ ފުރަތަމަ ފަހަރު ކަން ފާހަގަ ކުރަން ޖެހެއެވެ.